Last Updated: June 16, 20:09
Tuesday, June 16, 2026
ދުނިޔެ

އިރާނުގެ ބޯޑަރަށް އެރި ބިންހެލުމުގައި ގިނަ މަރުތަކެއް

ރޭ މެދުއިރުމަތީގެ އިރާން އަދި އިރާގުގެ ބޯޑަރު ސަރަހައްދަށް އެރި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 335 އަށް އަރައިފިއެވެ.

ޚަބަރު ލިބޭ ގޮތުގައި މިބިންހެލުމަކީ 7.3 މެގްނިޓިއުޑުގެ ބާރު ބިންހެލުމެކެވެ. ބިންހެލުމުގައި މިހާތަނަށް 335 މީހުން މަރުވެފައިވާއިރު އެތައް ހާސް ބަޔަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

އިރާނުގެ ޚަބަރު ފަތުރާ ވަސީލަތަކުން ބުނެފައިވަނީ ގެދޮރު ހަލާކުވުމުގެ ސަބަބުން ބޯހިޔާވަހިކަން ބޭނުންވާނެ 70،000 ވަރަކަށް މީހުން ބިންހެލުމުގެ ސަބަބުން އިރާނުގައި ތިބޭނެ ކަމަށެވެ.

ބިންހެލުމުގެ އަސަރު ބޮޑަށް ކޮށްފައިވަނީވެސް އިރާނަށެވެ. މަރުވި މީހުންގެ ގިނަ މީހުން މަރުވެފައިވެސް ވަނީ އިރާނުންނެވެ. އިރާގުން މަރުވެފައިވަނީ 7 މީހުން ކަމަށް ބީބީސީން ރިޕޯޓުކޮށްފައިވެއެވެ.

އިރާގުގެ މިސްކިތްތަކުން މިހާރު އަންނަނީ އަޑުގަދަކުރާ ބޭނުންކޮށްގެން ދުއާތައް ހަރުއަޑުން އިއްވަމުންނެވެ. މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވެދާނެ ކަމުގެ އިންޒާރު މީޑިޔާތަކުން ވަނީ ދީފައެވެ.