Last Updated: June 16, 20:09
Tuesday, June 16, 2026
ކުޅިވަރު

ރޮނާލްޑޯ އަށް ހަތަރު ވަނަ ކުއްޖަކު ލިބިއްޖެ

ދުނިޔޭގެ އެންމެ މަޝްހޫރު ފުޓުބޯޅަ ތަރި، ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއަށް އަނެއްކާވެސް ކުއްޖަކު ލިބިފައިވާކަން އިއުލާންކޮށްފިއެވެ.

ސޯޝަލް މީޑިޔާ މެދުވެރިކޮށް ރޮނާލްޑޯ ކުރި ޕޯސްޓެއްގައި ދަރިފުޅު ވިހާފައިވާކަން އިއުލާންކޮށް، ދަރިފުޅާއި މަންމަ، ކްރިސްޓިއާނޯގެ ލޯބިވެރިޔާ، ޖޯޖީނާ ރޮޑްރިގޭޒްގެ ހާލުވެސް ރަނގަޅުކަމަށް ބުނެ އާންމުންނަށް ފޮޓޯއެއް ދައްކާލާފައިވެއެވެ.

ހަތަރުވަނަ ދަރިއަށް ރޮނާލްޑޯއަށް އަންހެން ކުއްޖަކު ލިބިފައިވާއިރު ކުއްޖާގެ ނަމަކަށް ކިޔާފައިވަނީ އަލާނާކަން ރޮނާލްޑޯވަނީ ހާމަކޮށްފައެވެ. ރޮނާލްޑޯގެ ތިން ކުދިން ތިބޭއިރު ދޮށީ ދަރިފުޅު، ކްރިސްޓިއާނޯ ޖޫނިއާ އަދި އޭވާ މަރީއާ އާއި މަޓެއޯ ރޮނާލްޑޯ ހޯދާފައިވަނީ ސަރޮގެސީ މެދުވެރިކޮށެވެ.

ތިން ކުދިންގެ މަންމައަކީ ކާކުކަން ރޮނާލްޑޯ ހާމަކޮށްފައިނުވި ނަމަވެސް މިފަހަރުގެ ދަރިފުޅަކީ އޭނާއާ ލޯބިވެރިޔާ، ޖޯޖީނާ ރޮޑްރިގޭޒްގެ ދަރިފުޅެކެވެ. ރޮނާލްޑޯ ވަނީ ތަންކޮޅެއް ކުރިން އެކަން އިއުލާންކޮށްފައެވެ.

ކްރިސްޓިއާނޯ ޖޫނިއާއަށް ހަތް އަހަރު ވެފައިވާއިރު އެއް މާބަނޑު ދެކުދިން ރޮނާލްޑޯއަށް ލިބިފައިވަނީ މިއަހަރު ޖުލައި މަހުތެރޭގައެވެ. ރޮނާލްޑޯ ވަނީ ފީފާ ބެލޮންޑިއޯ އެވޯޑު ހަތަރު ފަހަރު ހޯދާފައެވެ. އަދި ފީފާ ދަ ބެސްޓް އެވޯޑް ޖެހިޖެހިގެން ދެފަހަރުވެސް ރޮނާލްޑޯ ވަނީ ހޯދައި ތާރީޚުގެ ތެރެއިން ޖާގަހޯދާފައެވެ.