Last Updated: June 28, 23:46
Sunday, June 28, 2026
ދުނިޔެ

ބޯޓެއް ބަންޑުންވެ 16 މީހަކު މަރުވެއްޖެ

ފޮޓޯ: އެންއާރްޑީއެފް

އިންޑިއާގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ އަންދްރަ ޕްރަދޭޝްގައި ބޯޓެއް ބަންޑުން ޖަހާލައި 16 މީހުން މަރުވެއްޖެ އެވެ.

ފުލުހުން ބުނާގޮތުގައި އެ ބޯޓުގައި ތިބީ ދީނީ ފެސްޓިވަލް އަކަށްޓަކައި ދަތުރުކުރަމުންދިޔަ 38 މީހުން ކަމަށެވެ.

ހައިދަރްއާބާދް އިން 275 ކިލޯމީޓަރު ދުރުގައި އޮންނަ ކްރިޝްނާ ކޯރުގައި ހިނގި މި ހާދިސާގައި 20 މީހަކު ވަނީ ސަލާމަތްވެފަ އެވެ.

ނޭޝަނަލް ޑިޒާސްޓަރ ރިލީފް ފޯސް (އެންޑީއާރްއެފް) އިން މަޢުލޫމާތު ދޭ ގޮތުގައި 20 މީހުން ވަނީ މިހާތަނަށް ސަލާމަތް ކުރެވިފައެވެ. އެހެންނަމަވެސް އިތުރު މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ރެސްކިއު އޭޖެންސީތަކުން ދަނީ ކުރަމުންނެވެ.

އަންދްރަ ޕްރަދޭޝްގެ ސްޓޭޓް މިނިސްޓަރު ވަނީ މި ހާދިސާ ތަހުޤީގުކުރުމަށް އަމުރުކޮށްފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބޯޓްގެ ވެރިމީހާ އަތުގައި ކަނޑުދަތުރުފަތުރު ކުރުމަށްޓަކައި ބޭނުންވާ ލައިސެންސް ނެތް ކަމަށާއި، ބޯޓް ދިޔައީ އެކާށިގެންވާ މިންވަރަށްވުރެ ގިނަ މީހުންނާއިގެން ދަތުރުކުރަމުން ކަމަށެވެ.

މި ހާދިސާއާއި ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީ ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ވެސް އުތުރު އިންޑިއާގައި ހިނގި ބޯޓް އެކްސިޑެންޓެއްގައި 20 މީހުން ވަނީ މަރުވެފަ އެވެ.

މާގިނައިން މީހުން އަރުވައިގެންނާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅައި ދަތުރު ކުރުމަކީ އިންޑިއާގައި ވަރަށް އާންމު ކަމެކެވެ.