ޕީޕީއެމް ދޫކޮށްލައްވައިފި ކަމަށް މީޑިޔާ ތަކުގައި ލިޔަމުން ގެންދަނީ އެޕާޓީ ހިސޯރުކޮށްގެން އުޅޭ ދެތިން މީހެއް ކަމަށް އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
ފަލާހު މިގޮތަށް ވިދާޅުވެފައި ވަނީ، ޕީޕީއެމުން އޭނާ "ގެއްލިއްޖެ" ކަމަށް ދެކެވޭ ވާހަކަތައް ދޮގު ކުރައްވައި "މިހާރު" ނޫހަށް ދެއްވި އިންޓަވިއު އެއްގައެވެ.
ފަލާހު ވިދާޅުވި ގޮތުގައި މިވަގުތު އެބޭފުޅާ ސްރީލަންކާގައި ހުންނެވީ އަނބިކަނބަލުން ވިހެއުމުގެ ކަންތަކަށެވެ.
ފަލާހު ޕާޓީ ދޫކޮށްލައްވައިފި ކަމަށް މީޑިއާތަކުގައި ލިއަނީ "ޕީޕީއެމް ހިސޯރުކޮށްގެން އުޅޭ ދެތިން މީހެއް" ކަމަށް ވިދާޅުވެފައިވާއިރު، މީޣެ ދުވަސްކޮޅެއް ކުރިން ވެސް ޕީޕީއެމްގެ ލީޑާޝިޕަށް ފަލާހު ވަނީ ފާޑުވިދާޅުވެފައެވެ.
އެގޮތުން ޕީޕީއެމްގެ ވައިބަރ ގްރޫޕްގައި އުފެދުނު "ހައިޖާނެއް"ގެ ތެރޭގައި ފަލާހު ވަނީ، ނަން ވިދާޅުނުވެ ޕީޕީއެމްގެ ލީޑާޝިޕަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އެގޮތުން ފަލާހު ވަނީ ޕީޕީއެމްގެ ހުރިހާ މަގާމެއްގައި ތިއްބެވީ ވޯޓުލައިގެން ހޮވިފައި ތިއްބެވި ބޭފުޅުންތޯ ވެސް ސުވާލު އުފައްދާފައެވެ.
'އައްޑޫލައިވް' އާއި ވާހަކަ ދެއްކެވި، ޕީޕީއެމްގެ މަޖިިލިސް މެންބަރަކު ވިދާޅުވީ، ފަލާހުގެ ފާޑުކިޔުންތައް އަމާޒު ކުރެއްވީ ޕީޕީއެމްގެ ނައިބު ރައީސް ކަމުގެ މަޤާމުގައި ތިއްބެވި ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރާއި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމަށް ކަމަށެވެ.
އަބްދުއްރަހީމް ނައިބަކަށް އައްޔަން ކުރެއްވީ ރައީސް މައުމޫނެވެ. އަދި މޫސާ ޒަމީރަކީ ރައީސް އަބްދުﷲ ޔާމީން އެމަޤާމަށް އައްޔަން ކުރައްވާފައިވާ ބޭފުޅެކެވެ.