ފާއިތުވެދިޔަ ހަފްތާތަކުގެ ތެރޭގައި އެމެރިކާގެ ފިލްމު އިންޑަސްޓްރީ، ހޮލީވުޑްގެ ބޮޑެތި ބައެއް އެކްޓަރުންނާއި ޑައިރެކްޓަރުން އެކްޓަރުންނަށް ޖިންސީ ފުރައްސާރަ ކުރުމާއި ރޭޕްގެ ކޭސްތައް އާންމުވެފައިވަނިކޮށް އިންޑިޔާގެ ފިލްމު އިންޑަސްޓްރީ، ބޮލީވުޑުންވެސް އެފަދަ ވާހަކަތަކެއް ފެންމަތިވެއްޖެއެވެ.
ބޮލީވުޑްގެ އަންހެން އެކްޓަރެއް ކަމަށްވާ ދިވްޔާ އުނީ ބުނެފައިވާ ގޮތުގައި އިންޑިޔާގެ ކެރެލާއަށް 2015 ވަނަ އަހަރު ދަތުރުކުރީ ބޮޑު ޑައިރެކްޓަރަކާއި ބައްދަލުކޮށް ފިލްމެއްގެ ރޯލަކާމެދު ވާހަކަ ދެއްކުމަށް ކަމަށެވެ.
ނަމަވެސް އޭނާގެ ހޮޓެލް ރޫމަށް ގެނައުމަށްފަހު އޭނާއާއެކު ޖިންސީ ގުޅުން ހިންގުމަށް އެދުނު ކަމަށާއި ފިލްމް އިންޑަސްޓްރީގައި ކުރިއަށް ދިއުމަށް ބޭނުންނަމަ މިފަދަ ކަންތައް ކުރަން ޖެހޭނެ ކަމަށް އޭނާ ބުނިކަމަށް އުނީ ބުނެފައިވެއެވެ.
ރޮއެޓާސްއަށް ކިޔާދެމުން އުނީ ބުނެފައިވަނީ އޭނާ ވަނީ ޑައިރެކްޓަރުގެ އެދުމަށް ވަގުތުން ދެކޮޅު ހަދާފައެވެ. އޭގެ ސަބަބުން އޭނާއަށް އެފިލްމުން ރޯލެއް ނުލިބުނު ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް އުނީ ވަނީ އެއީ ކޮން ޑައިރެކްޓަރެއް ކަމަށް ބުނުމަށް ދެކޮޅު ހަދާފައެވެ.
ހޮލީވުޑްއިން މިފަދަ މައްސަލަތައް ފެންމަތިވި މީހުންގެ ތެރޭގައި މަޝްހޫރު ޕްރޮޑިއުސަރު ހާވީ ވައިންސްޓައިން އާއި މަޝްހޫރު އެކްޓަރު ކެވިން ސްޕޭސީ ހިމެނެއެވެ. ވައިންސްޓައިންގެ ކުންފުނިން އޭނާ މިހާރު ވަކިކޮށްފައިވާއިރު ސްޕޭސީ ވަނީ އޭނާ ކުޅެމުން އައި ނެޓްފްލިކްސްގެ ހައުުސް އޮފް ކާޑްސް އިން ވަކިކުރުމަށްފަހު ޝޯ ވެސް ކެންސަލް ކޮށްފައެވެ.
ވައިންސްޓައިން އެތައް އަންހެން އެކްޓަރުންނާ ބެހުނު މައްސަލަ ފެންމަތިވެ މަގާމުން ވަކިކޮށްފައިވާއިރު ސްޕޭސީ ބެހިފައިވަނީ އޭރު 14 އަހަރުގެ ފިރިހެން އެކްޓަރަކާއިއެވެ. މިމައްސަލަ ފެންމަތިވުމުން ސްޕޭސީ ވަނީ އޭނާއަކީ އެއް ޖިންސުން ގުޅުން ހިންގާ މީހެއްކަން އިއުލާންކޮށްފައެވެ.