Last Updated: April 25, 06:02
Thursday, April 25, 2024
ޚަބަރު

ވަރަށް އަވަހަށް އެނބުރި ލުބުނާނަށް ދާނަން: ހަރީރީ

އިސްތިއުފާ ދެއްވި ލުބްނާނުގެ ބޮޑުވަޒީރު ސާދް ހަރީރީ އެނބުރި ލުބުނާނަށް ވަޑައިނުގެންނެވޭ ސަބަބު ސާފުކޮށް ދިނުމަށް އެގައުމުގެ ރައީސް މައިކަލް އައުން ސައުދީ އަށް ގޮވާލާފައި ވަނިކޮށް މަދު ދުވަސް ކޮޅެއްގެ ތެރޭގައި އެނބުރި ލުބުނާނަށް ވަޑައިގަންނަވާނެކަމަށް ހަރީރީ ވިދާޅުވެއްޖެއެވެ.

ހަރީރީ މިހެން ވިދާޅުވެފައިވަނީ ސައުދީގައި ހަރީރީ ބަންދުކޮށްފައިވާ ކަމަށާއި، އަދި ހަރީރީ ހުންނެވީ މަޖުބޫރުންކަމަށް ލުބުނާނުގެ ބައެއް އޮފިޝަލުން މީގެކުރިން ބުނެފައިވަނިކޮށް އަމިއްލަ ޓީވީ ޗެނަކަށް އިއްޔެގެ ވަގުތެއްގައި ދެއްވި ބަސްދީގަތުމެއްގައެވެ.

މީގެ އިތުރުން ހަރީރީ ބަންދުކޮށްފައިވާ ކަމަށާއި ސައުދީއިން ހަރީރީއަށް ކަންކަން މަޖުބޫރުކޮށްގެން އުޅޭކަމަށް ދެކެވޭ ވާހަކަ ހަރީރީވަނީ ދޮގުކޮށްފައެވެ. އަދި އިސްތިއުފާ ދެއްވިކަން އިރުލާންކުރިކުރުން އަނބުރާގެނެސް މަގާމުގައި ދެމިހުރެދާނެކަމަށް ދޭހަވާ މޭރުމަކުންވެސް މި ބަސްދީގަތުމުގައި ހަރީރީ ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މިގޮތުން މަގާމުގައި އިތުރަށް ދެމިހުންނަން ނިންމެވިޔަސް ދެމިހުންނަވާނީ ހިޒްބުﷲ އިން ސަރަހައްދީ ކަންކަމުގައި ގެންގުޅޭ ސިޔާސަތު ބަދަލުކުރުމުން ކަމަށް ހަރީރީ ވަނީ ވިދާޅުވެފައެވެ. އަދި ސައުދީގައި ހުންނެވީ މިނިވަންކަމާ އެކު ކަމަށާއި މަދު ދުވަސްކޮޅެއްގެ ތެރޭގައި އެނބުރި ލުބުނާނަށް ވަޑައިގަންނަވާނެކަމަށް ހަރީރީ ވަނީ ވިދާޅުވެފައެވެ.

މި މަހު 4 ވަނަ ދުވަހު ކުއްލިގޮތަކަށް ހަރީރީ މަގާމުން އިސްތިއުފާ ދެއްވީ ރަސްމީ ދަތުރުފުޅެއްގައި ސައުދީއަށް ވަޑައިގެންނެވުމަށްފަހު ސައުދީގައި ހުންނަވައިގެންނެވެ. ހަރީރީގެ އިސްތިއުފާއާ ގުޅިގެން ލުބުނާނުގައިވަނީ ސިޔާސީ ނުތަނަވަސްކަމެއް އުފެދިފައެވެ. އަދި ލުބްނާނުގެ ރައީސް މައިކަލް އައުން ވަނީ ހަރީރީ ލުބްނާނަށް އެނބުރި ވަޑައިނުގަންނަވަނީސް އިސްތިއުފާއާ މެދު ގޮތެއް ނުނިންމަވާނެ ކަމަށް ވިދާޅުވެފައެވެ.