ހިތަދޫ ޕޯޓް ލިމިޓެޑް(އެޗްޕީއެލް) ގައި ވަޒީފާ އަދާކުރަމުން ދަނިކޮށް ފާއިތުވި ޖޫން މަހުގެ 18 ވަނަ ދުވަހު، ވަޒީފާއިން ވަކިކުރި ޙަސަން އަހުމަދުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި ޓްރައިބިއުނަލުން ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުން މާދަމާ އަށް ތާވަލް ކޮށްފިއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޙަސަން އަހްމަދުގެ ފަރާތުން ޓްރައިބިއުނަލް އަށް ހުށަހެޅި މައްސަލައިގައި ޓްރައިބިއުނަލުން ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުން އޮންނާނީ ވަނީ، މާދަމާ މެންދުރު ފަހު 1:45 ގައެވެ.
އެޗްޕީއެލްގެ ސީނިއަ ޓަގް ޑްރައިވަރެއްގެ ވަޒީފާ އަދާކުރަމުން ގެންދިޔަ ހަސަން އަހުމަދު ވަޒީފާއިން ވަކިކޮށްފައި "އަޚްލާޤީ ފެންވަރު ދަށް" ކަމަށް ބުނެއެވެ.
ހަސަން އަހްމަދުގެ ފަރާތުން ޓްރައިބިއުނަލް އަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ ހަގީގަތާއި ޚިލާފް ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް ރޭވުމެއްގެ ތެރެއިން ކަމަށެވެ. އަދި ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ އަދި އިޖްރާޢީ އަދުލުވެރިކަން ޤާއިމްކޮށްފައި ނުވާކަން ވެސް ވަނީ ފާހަގަކޮށްފައެވެ.
ހަސަން އަހުމަދު ހުށަހެޅި މައްސަލައިގައި އެދިފައިވަނީ އޭނާ އެޗްޕީއެލްގައި އަދާކުރި ވަޒީފާ އަނބުރާ ހޯދައިދިނުމަށާއި ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަަދަލާއި، ވަޒީފާއިން ވަކިކުރިފަހުން ފާއިތުވި މުއްދަތަށް ވާ މުސާރަ އާއި އިނާޔަތްތައް ހޯދުމަށެވެ.
ހަސަން އަހުމަދު ވަޒީފާއިން ވަކިކުރުމާއި ގުޅިގެން ސޯޝަލް މީޑިޔާގައި ގިނަ ބައެއްގެ ފާޑުކިޔުންތައް އެޗްޕީއެލްގެ އިސްވެރިންނަށް ވަނީ އަމާޒުވެފައެވެ. އެފަރާތްތަކުން ބުނެފައި ވަނީ، އެޗްޕީއެލްގެ ވަޒީފާއިން ވަކިކުރީ ރޭވުމެއްގެ ތެރެއިން ދޮގު ތުހުމަތުތަކެއް ކުރުމަށް ފަހު ކަމަށެވެ.
އެހެން ނަމަވެސް އެވާހަކަތައް އެޗްޕީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުހައްމަދު ރަޝީދު (މެޓްރިކްސްމޯޑް) ވަނީ ދޮގުކޮށްފައެވެ. އެޗްޕީއެލްގެ އޮފިޝަލަކު ވެސް 'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން ބުނެފައި ވަނީ ހަސަން އަހްމަދު ވަޒީފާއިން ވަކިކޮށްފައި ވަނީ "ބަލަންޖެހޭ ހުރިހާ ބެލުމެއް ބެލުމަށް ފަހު" ކަމަށެވެ.