ޝަރުއީ ދާއިރާގެ ހުރި މައްސަލަތައް ބަޔާންކޮށް ސްޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހެޅި މައްސަލާގައި ސަސްޕެންޑް ކުރި 54 ވަލީކުންގެ ތެރެއިން 42 ވަލީކެއްގެ ސަސްޕެންޝަން ސްޕްރީމް ކޯޓުން އުވާލައިފިއެވެ.
ޢަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅޭފަދަ ޣައިރު ޤާނޫނީ ލިއުމެއް ލިޔެ، ސޮއިކުރި މައްސަލައިގައި ސަސްޕެންޑްކުރި 54 ވަކީލުންގެ ތެރެއިން 42 ވަކީލުންގެ ސަސްޕެންޝަން އުވާލައި، ވަކާލާތު ކުރުމުގެ ހުއްދަ އަލުން ދީފިއެވެ.
ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނީ މަރްޔަމް ހަނީފާ ހާލިދާއި ފަރީޝާ އަބްދުﷲގެ އިތުރުން ފަތުހުﷲ އިސްމާއިލްގެ ސަސްޕެންޝަން އުވާލާ އަލުން ވަކާލާތު ކުރުމުގެ ހުއްދަ ދީފައިވާ ކަމުގައެވެ.
އަދި ތިން ވަކީލުންގެ ސަސްޕެންޝަން އުވާލާފައިވަނީ އެ ވަކީލުންގެ މައްސަލަ ބެލުމަށް ފަހުކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.
ޕެޓިޝަން ހުށަހެޅި މައްސަލައިގައި 54 ޤާނޫނީ ވަކީލުން ސަސްޕެންޑް ކޮށްފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ. ސަސްޕެންޑް ކުރި ވަކީލުންގެ ތެރެއިން މިހާރު ސަސްޕެންޝަން އުވާނުލައި ތިބީ 12 ވަކީލުންނެވެ.