މޯލްޑިވްސް ނެޝެނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ހިތަދޫ ކެމްޕަހުގައި ނަރުސް ކޯސް ފުރިހަމަ ކުރަމުން ގެންދާ ކިޔަވައި ދެއްވާ އެންމެ ތަޖުރިބާކާރު ލެކްޗަރާގެ ބަދަލުގައި ފެންވަރު ދަށް ލެކްޗަރާއެއް ގެނެސްފައިވާ ކަމަށް ބުނެ އެކަމާ ދަރިވަރުން ރުޅިގަދަވެއްޖެއެވެ.
ދަރިވަރުންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދިނުމަށް ފަހު، އެ ކެމްޕަހުގެ ގެންދާ އެންމެ ތަޖުރިބާކާރު، ލެކްޗަރާ ޕުޝްޕަރާތީގެ ބަދަލުގައި ނެގީ ދާދި ފަހުން ޑިގްރީ ފުރިހަމަ ކުރި ދިވެހި ލެކްޗަރާއެކެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހިތަދޫ ކެމްޕަހުގައި ހިންގާ ނާސިން ކޯސްތަކުގައި ކިޔަވައިދެއްވާ އިންޑިޔާގެ ލެކްޗަރާއެއް ކަމުގައިވާ ޕުޝްޕަރާތީގެ ކޮންޓްރެކްޓް ޑިސެމްބަރު މަހުގެ ނިޔަލަށް ހަމަވާއިރު އޭނާގެ ކޮންޓްރެކްޓް އާކޮށް ދިނުމަށް އެމްއެންޔޫއިން ވަނީ ދެކޮޅު ހަދާފައެވެ.
އިންޑިޔާގެ ލެކްޗަރާ ހޮވުމުން އިންޓަވިއު ބާތިލް!
އެމްއެންޔޫ ހިތަދޫ ކެމްޕަހުގެ ސީނިއަރ މުވައްޒަފަކު 'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން ބުނި ގޮތުގައި، ލެކްޗަރާގެ މަޤާމަށް އިއުލާން ކުރުމުން ޕުޝްޕަރާތީ ވެސް ކުރިމަތިލި ކަމަށެވެ. އަދި އިންޓަވިއު އިން އެންމެ މަތިން މާކްސް ލިބުނީ ޕުޝްޕަރާތީ އަށް ކަމަށާއި އެހެން ނަމަވެސް، އެފަހަރު އިންޓަވިއު ބާތިލް ކުރި ކަމަށެވެ.
"ޕުޝްޕަރާތީ އިންޓަވިއު އިން ހޮވުނީ. އޭނާއަށް އެކަން އަންގާފައި ވަނިކޮށް ކުއްލިއަކަށް އިއުލާން ބާތިލްކުރީ." ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ވާހަކަ ދެއްކި އެމްއެންޔޫ ހިތަދޫ ކެމްޕަހުގެ ސީނިއަރ މުވައްޒަފު ބުންޏެވެ.
ކުއްލި ގޮތަކަށް އިންޓަވިއު ބާތިލު ކުރުމުން، އެކަމާއި ލެކްޗަރާ ޝަކުވާ ހުށަހެޅުމުން ވެސް ވަކި ސަބަބެއް އަންގާފައި ނުވާއިރު، ފަހުން އެ މަގާމަށް އިއުލާން ކުރުމަށް ފަހު މިހާރު ވަނީ ދިވެހި ލެކްޗަރާ އަކު ނަަގާފައެވެ.
އަލަށް ނެގި ލެކްޗަރާގެ ފެންވަރާއި މެދު ދަރިވަރުންގެ ކަންބޮޑުވުން!
ހިތަދޫ ކެމްޕަހުގައި ނާސިން ކޯސް ފުރިހަމަ ކުރަމުންދާ ދަރިވަރުންގެ މެދުގައި މަޤްބޫލް ލެކްޗަރާގެ ކޮންޓްރެކްޓް އާ ނުކުރަން ނިންމައި އެ މަގާމަށް އަލަށް ގެނައި، ދިވެހި ލެކްޗަރާގެ ފެންވަރު ދަށްވެގެން ބައެއް ދަރިވަރުން ވަނީ މައްސަލަ ޖައްސަން ފަށާފައެވެ.
އައްޑޫލައިވް' އާއި ވާހަކަ ދެއްކި ބައެއް ދަރިވަރުން ބުނެފައިވާ ގޮތުގައި އަލަށް ނެގި ދިވެހި ލެކްޗަރާ އަށް ކިޔަވައިދޭން "ނޭނގޭ" ކަމަށެވެ. އަދި "އިހަކަށް ދުވަހު ޑިގްރީ ނިންމި މީހަކު" ގެނެސް ނާސިން ކޯސްތަކުގެ ކިޔަވައިދިނުން މުޅިން ބޮއްސުން ލާފައިވާ ކަމަށް ވަނީ ބުނެފައެވެ.

"މާސްޓާސް ފެންވަރުގެ މޮޅު ލެކްޗަރާއެއް ހުއްޓައި، އޭނާ ފޮނުވާލަން ނިންމައި ދެން މިގެންނަނީ އިހަކަށް ދުވަހު ޑިގްރީ ނިންމި މީހެއް. މިއީ އެއްވެސް ތައުލީމީ އިންސްޓިޓިއުޝަނެއްގައި ކަންތައް ކުރާނެ ގޮތެއް ނޫން. މައްސަލަ އަކީ ފެންވަރު ދަށް މީހަކު ގެނައުން." ދަރިވަރަކު ބުންޏެވެ.
ލެކްޗަރާ ފޮނުވާލާތީ ކޯސް ކޯޑިނޭޓަރުން ވެސް ހިތްހަމަނުޖެހިފައި!
އެމްއެންޔޫ ހިތަދޫ ކެމްޕަހުގެ ނާސިން ކޯހުގެ ލެކްޗަރާ ޕުޝްޕަރާތީ ފޮނުވާލަން ނިންމި މައްސަލައިގައި އެމްއެންޔޫގެ ފެކަލްޓީ އޮފް ހެލްތް ސައިންސްގެ ކޯސް ކޯޑިނޭޓަރުން ވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ޕުޝްޕަރާތީގެ މަގާމަށް ގެނައި ދިވެހި ލެކްޗަރާގެ ފެންވަރު ދަށްވުމުގެ ޝަކުވާ ދަރިވަރުންގެ ފަރާތުން ލިބޭތީ އެމައްސަލަ ހައްލު ކުރުމަށް ކޯސް ކޯޑިނޭޓަރުން ކުރި މަސައްކަތުން ވެސް އެއްވެސް ކާމިޔާބެއް ވަނީ ލިބޭގޮތް ނުވެފައެވެ.
"ތަންކޮޅެއް މަތިން އައިސްގެން އުޅޭ ނިންމުމެއް މިއީ. ކޯޑިނޭޓަރުން ވެސް ހިތްހަމަ ނުޖެހޭ. އެމީހުން ވެސް ބުނަނީ މަސައްކަތް ކުރާނެ ކަމަށް. ނޭނގެ އެބުނާ މައްޗަކީ ކާކު ކަމެއް." ދަރިވަރަކު ބުންޏެވެ.
'އައްޑޫލައިވް' އަށް އެނގިފައިވާ ގޮތުގައި ބައެއް ކޯސް ކޯޑިނޭޓަރުން ވަނީ އެ މައްސަލަ ޗާންސެލަރގެ ސަމާލުކަމަށް ވެސް ގެނެސްފައެވެ.
ދަރިވަރުން މިހާރު ދަނީ ޕެޓިޝަނެއް ތައްޔާރު ކުރަމުން، ރައީސް ޔާމީނަށް ވެސް ޝަކުވާ ހުށަހަޅާނެ

ޕުޝްޕަރާތީގެ ކޮންޓްރެކްޓް އާނުކުރަން އެމްއެންޔޫ އިން ނިންމި މައްސަލައިގައި އޭނާ ވާހަކަ ދައްކަން ބޭނުން ނުވި ނަމަވެސް، އެމްއެންޔޫ ހިތަދޫ ކެމްޕަހުގައި ޑިޕްލޮމާ އިން ނާސިން ކޯހުގައި ކިޔަވާ ދަރިވަރުން ތިބީ ދޫކުރާ ގޮތަކަށް ނޫނެވެ. އެކުދިން މިހާރު ގެންދަނީ، ޔުނިވާސިޓީގެ ޗާންސެލަރ އަށް ޕެޓިޝަނެއް ހުށަހެޅުމަށް ތައްޔާރު ވަމުންނެވެ.
އެއަށްފަހު މައްސަލަ، ސީދާ ރައީސް ޔާމީންގެ ސަމާލުކަމަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބައެއް ދަރިވަރުން ވަނީ ބުނެފައެވެ.
"ރަށުގައި ތިބެގެން ނަރުސް ކޯސް ހެދޭނެ ގޮތް ހަމަޖައްސަވައި ދެއްވީ ފެންވަރު ދަށް ލެކްޗަރާއިން ލައިގެން މިކަން ކުރާކަށް ނޫން. ޔުނިވާސިޓީއަށް ހައްލެއް ހޯދައި ނުދެވޭ ނަމަ. މިކަން އަޅުގަނޑުމެން ރައީސަށް ދަންނަވާނަން. މިއީ ކޮންމެ ލެވެލް އަކުން ކުރިޔަސް ސަރުކާރުގެ ސިޔާސަތަކަށް ވެސް ގޮންޖެހުން " ދަރިވަރަކު ބުންޏެވެ.