ހައްދުފަހަނަޅާފައިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތާ ގުޅިގެން އަމިއްލައަށް މަރުވެގެން ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހުމަތަކަށް ދެ ދިވެއްސެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި އެވެ.
ޖާނުން ފިދާވުމުގެ ހަމަލާއެއް ދޭން އުޅުނު ދެ ދިވެއްސެއްގެ މައްޗަށް ކްރިމިނަލް ކޯޓުގައި އެ ދައުވާ އުފުލާފައިވާ ކަން ޕީޖީ އޮފީހުގެ އޮފިޝަލަކު ވަނީ 'އައްޑޫލައިވް' އަށް ކަށަވަރުކޮށްދީފައެވެ. އޮފިޝަލް ބުނި ގޮތުގައި ދައުވާ އުފުލާފައި ވަނީ ރ. މަޑުއްވަރީ މީހަކާއި ފުވައްމުލަކު މީހެއްގެ މައްޗަށް ކަމަށެވެ.
ޖާނުން ފިދާވުމުގެ ހަމަލާ ދޭން އުޅުނު 2 މީހުން ހައްޔަރުކޮށްފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ހަފްތާ ތެރޭގައެވެ. އެ މައްސަލައިގައި ހައްޔަރު ކުރި 2 މީހުން އަދިވެސް ތިބީ ފުލުހުންގެ ބަންދުގައެވެ.
ޖާނުން ފިދާވުމުގެ ހަމަލައެއް ދޭން އުޅުނު ބައެއްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު ސެޕްޓެމްބަރު މަހުން ފެށިގެން ވެލާނާ އެއާޕޯޓުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ހަތިޔާރާއި އެކު ސިފައިން ގެންދަނީ ހަރަކާތްތެރިވަމުންނެވެ.