ފީލްޑް ޓްރިޕެއްގައި ގއ. ކޫއްޑޫއަށް ދިޔަ އައްޑޫހައިސްކޫލްގެ 145 ދަރިވަރުން ތަޖްރިބާ ދަތުރު ނިންމާލައި އައްޑޫއަށް ދަތުރުކުރަނިކޮށް ހާލު ދެރަވެގެން ފަސް ކުއްޖަކު ކޯސްޓްގާޑަށް ނަގައިގެން އައްޑޫއަށް ގެނެސް ފޭދޫ ސިއްޙީމަރުކަޒުގައި ފަރުވާ ދޭން ފަށައިފިއެވެ.
އައްޑޫލައިވްއަށް މައުލޫމާތުލިބިފައިވާ ގޮތުގައި ހާލުދެރަވެގެން ކޯސްޓްގާޑަށް ނަގަފައިވާ ކުދިންނަކީ ނޭވާލުމަށް އުނދަގޫވެގެން ހާލު ދެރަވި ކުދިން ތަކެކެވެ.
ބޯޓުގައި ހުރި އައްޑޫހައިސްކޫލްގެ ޓީޗަރަކު ބުނީ އައްޑޫއާއި ވަރަށް ކާރިވެފައިވަނިކޮށް ފަސް ކުއްޖަކު ނޭވާލުމަށް އުނދަގޫވެ، ހޮޑުލައި، އަކުނިވަޔަށް ދަމަން ފެށުމުން ކޮސްޓްގަޑުގެ އެހީގައި އެކުދިން އައްޑޫއަށް އަވަސް ފަރުވާއަށް ފޮނުވީ ކަމަށެވެ.
އެކުދިން ވަނީ މިހާރު ކުއްލި ފަރުވާ ދިނުމަށް ފޭދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައި ކަމަށް އެސަރަހައްދުގައި ހުރި ފޭދޫ މީހަކު މައުލޫމާތު ދިނެވެ.
އެމްއެެންޑީއެފްގެ ލޯންޗެއްގައި ފޭދޫ ބަނަދަރަށް އެކުދިން ގެނެވުނު އިރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ހަތަރު އެމްބިއުލެންސް ޑޮކްޓަރުންނާއި އެކު އެކުދިންނަށް ފަރުވާ ދިނުމަށް ފޭދޫ ބަނދަރަށް ވަނީ ގޮސްފައެވެ. އަދި އެސަރަހައްދަށް ދިޔަ އާއްމުންގެ މީހަކުވެސް ހާލު ދެރަވެގެން މިހާރު ފޭދޫ ސިއްޚީމަރުކަޒުގައި ފަރުވާ ދެމުން އެބަދެއެވެ.
ފުރުސަތު ބޯޓުން ވާހަކަ ދެއްކި ޓީޗަރު ބުނީ ކުޑަ އިރުކޮޅެއްގެ ތެރޭަގއި ބޯޓު ހިތަދޫ ބަނަދަރަށް ވަންނާނެކަމަށެވެ. އަދި ބާކީ ތިބި ކުދިންގެ ހާލު ރަނގަޅުކަމަށެވެ.
ހިތަދޫ ހޮސްޕިޓަލު ސަރަހައްދުގައި ހުރި އައްޑޫލައިވް ނޫސްވެރިއާ ބުނީ މިހާރު 11 ކުއްޖަކު ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެނެސް ފަރުވާ ދޭންފަށާފައިވާ ކަމަށެވެ.
އައްޑޫ ހައިސްކޫލް ދަރިވަރުން ފީލްޑް ޓްރިޕްގައި ފުރާފައިވަނީ މާޗް 19 ވަނަ ދުވަހުގެ ރޭގައެވެ.