ޚަބަރު

އިޓަލީ އަށް ވޯލްޑް ކަޕުން ފުރުސަތު ނުލިބުމުން ބުފޮން ރިޓަޔާކޮށްފި

ބައި ގަރުނުގެ ތެރޭގައި ފުރަތަމަ ފަހަރަށް އިޓަލީ ވޯލްޑް ކަޕުން ޖާގައެއް ނުލިބި ކަޓައިފި އެވެ.

ރޭ ސްވިޑެންއާއެކު ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވެ ނިމިފައިވާއިރު(އެގްރިގޭޓު 0-1 އިން ބަލިވެ) އިޓަލީ ވޯލްޑް ކަޕުން ކެޓި މެޗަކީ ޓީމުގެ ކެޕްޓަން އަދި ކީޕަރު ގިއަންލޫގީ ބުފަންގެ ފަހު މެޗުކަން އޭނާ ވަނީ އިއުލާންކޮށްފައެވެ.

އަންނަ އަހަރުގެ ވޯލްޑް ކަޕަކީ އޭނާ ގައުމީ ޖާޒީގައި ފެންނާނެ ފަހު މުބާރާތްކަން އިއުލާންކޮށްފައިވަނިކޮށް ބުފޮން އަށް ވަނީ ހިތްދަތިކަމާއެކު އެ ނިންމުން އަވަސް ކުރަން މަޖުބޫރުވެފައެވެ. 20 އަހަރު ދުވަސް ވަންދެން އިޓަލީގެ ގައުމީ ޓީމަށް ކުޅެދީފައިވާ ބުފޮން ވަނީ އޭނާގެ އުމުރުން 19 އަހަރުގައި ގައުމީ ކެރިއަރު ފަށާފައެވެ.

އިޓަލީގެ ކޯޗު ވެންޗޫރާ ވަނީ ސްވިޑެންއާ ކުޅުނު ޕްލޭ އޮފްގެ ދެ ލެގުގެ މެޗުތަކުގައިވެސް ރެފްރީގެ ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ފުރަތަމަ މެޗު 0-1 އިން ސްވިޑެން ކާމިޔާބުކުރިއިރު އެމެޗުގެ ރެފްރީގެ ނިންމުންތަކަށްވެސް އޭނާ ފާޑުކިޔާފައިވެއެވެ. ރޭގެ މެޗުގައިވެސް އިޓަލީގެ ޑާމިއަން އަށް ކުރި ފައުލެއް ރެފްރީ ވަނީ އޭނާގެ އަތުގައި ޖެހިފައިވާ ކަމަށް ބުނެ ސްވިޑެންއަށް ދީފައެވެ.

މެޗު 0-0 އިން ނިމި އިޓަލީ މުބާރާތުން ޖާގައެއް ނުލިބި އަލްވަދާއު ކިޔާފައިވާއިރު މިއީ 1958 ވަނަ އަހަރުގެ ވޯލްޑް ކަޕުން އިޓަލީ ބާކީވުމަށްފަހު ވޯލްޑް ކަޕަށް ކޮލިފައިނުވި ފުރަތަމަ ފަހަރެވެ. މެޗަށް ފަހު އިޓަލީ ކުޅުންތެރިންނާއެކު ސަޕޯޓަރުންވެސް ވަނީ ހިތްދަތިވެ މާޔޫސްވެފައެވެ.