ޕްރޮފެސަރ ހަސަން އުގެއިލްއަށް މީގެ ފަހުން ރާއްޖޭގެ ސްކޫލުތަކުގައި ދަރިވަރުންނަށް ލެކްޗަރ ނުދެވޭނެ ކަމަށް ސަރުކާރުން އަންގައިފިއެވެ.
ހިސާބާއި ކޮމްޕިއުޓާ ސައެންސް އިން މަތީ ތައުލީމު ހާސިލުކޮށްފައިވާ އުގެއިލަކީ ރާއްޖެއިން ބޭރުގައި މަސައްކަތް ކުރައްވަމުންވެސް ދޭތެރެ ދޭތެރެއިން ރާއްޖޭގެ އެކި ރަށްރަށަށް ވަޑައިގެން ސްކޫލްތަކުގައި ތައުލީމީ ލެކްޗަރު ދެއްވާ ބޭފުޅެކެވެ.
ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އުގެއިލާއި ގުޅިގެން މީގެ ފަހުން އެފަދަ ޕްރޮގްރާމްތައް ނުހިންގުމަށް އަންގާފައެވެ. މިނިސްޓްރީން ރަސްމީ ގޮތެއްގައި މިފަދަ ވާހަކައެއް ދައްކާފައި ނުވިނަމަވެސް އިތުބާރު ހުރި ގޮތެއްގައި އެއެންގުން އަންގާފައިވާކަން ވަނީ ކަށަވަރުވެފައެވެ.
އުގެއިލްގެ މަސައްކަތަށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުންވެސް ވަރަށް ބޮޑު ތަރުހީބެއް ލިބޭއިރު ދަރިވަރުން ވަނީ އޭނާގެ ލެކްޗަރުތަކަށް ތައުރީފުކޮށްފައެވެ.
ސަރުކާރުން ވަނީ މީގެ ކުރިން އުގެއިލްގެ ސައިންޓިފިކް ރީސާޗް ހެދުމަށް ދޫކޮށްފައިވާ ފަޅު ރަށެއްވެސް އޭނާގެ އަތުން ނަގާފައެވެ.