ޚަބަރު

ރައްޔިތުންގެ ލޯބި ލިބޭ ކޮންމެ މީހަކު ސަރުކާރުގެ "ޝިކާރައަކަށް"

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ސަނާ ކިޔައި "އަތްޖަހަން" ދެކޮޅު ހަދާ، ނުވަތަ ސިޔާސީ ގޮތުން ރައީސް ޔާމީނާއި ވާދަކޮށްފާނެ ކަމަށް ބެލެވޭ ކޮންމެ މީހަކަށް އެކި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭ ކަމީ މިއަދު ދިވެހިރާއްޖެއިން ފެންނަ ހަގީގަތެކެވެ. އެންމެ ފަހުން އެ ލިސްޓަށް އިތުރުވި ބޭފުޅަކީ، ރާއްޖޭއަށް ނިސްބަތްވާ ހަމައެކަނި ސައިންސް ޕްރޮފެސަރ ހަސަން އުގެއިލް އެވެ.

އުގެއިލްގެ "ކުށަކަށް" ވެފައިވަނީ ރައްޔިތުންގެ މެދުގައި އެބޭފުޅާގެ މަޤްބޫލުކަން އިތުރުވުމެވެ. ރަށްރަށަށް ވަޑައިގަތުމުން ރައްޔިތުންގެ އެބޭފުޅާ އަށް މަރުޙަބާ ކިޔުމަށް ކުދިބޮޑު އެންމެން ނިކުތުމާއި އުގެއިލުގެ ދެއްވާ ލެކްޗަރތައް އަޑުއެހުމަށް އެތައް ބަޔަކު ހާޒިރުވުމެވެ. ނުވަތަ ޓްވިޓާރގައި ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކަށް ތައުރީފް ނުކުރެއްވުން ކަމަށް ވެދާނެއެވެ.

މުޅި ރާއްޖެ އެބޭފުޅަކަށް ޓަކައި ފަޚުރުވެރިވާ، ޕްރޮފެސަރ އުގެއިލު ވެސް ސަރުކާރުގެ "ޝިކާރަ" އަކަށް ވެއްޖެއެވެ. އެޑިއުކޭޝަނުގެ ޚާއްސަ ހުއްދައެއް ނެތި ރާއްޖޭގެ ސްކޫލުތަކުގައި ދަރިވަރުންނަށް ލެކްޗަރ ނުދެވޭނެ ކަމަށް ސަރުކާރުން އެބޭފުޅާއަށް އަންގައިފިއެެވެ. މިއީ ހިލޭސާބަހަށް ދިވެހި އިލްމުވެރިޔަކު ކުރައްވާ ކަމަކާ ގުޅިގެން އެފަދަ އެންގުމެއް އެޑިއުކޭޝަނުން އެންގި ފުރަތަމަ ފަހަރެވެ.

މިފަދަ އެންގުމެއް މި އެންގީ ބަޔަކު މީހުން ޕްރޮފެސަރ އުގެއިލު އިންތިހާބަށް ނިކުންނެވުމަށް ސޯޝަލް މީޑިޔާގައި ގޮވާލާތީ އެކަމާއި ބިރުން ހެއްޔެވެ؟

2013ގެ ރިޔާސީ އިންތިޚާބުގައި، 95،226 ވޯޓު ހޯއްދެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ހިސާބުން ފަށަމާ ހިނގާށެވެ. ހަވާ ފަޓާސް ބަރިއެއް ހެން ކުރިއަށް ގެންދިޔަ ޝަރީޢަތަކަށް ފަހު އިއްވީ 13 އަހަރުގެ ޖަލު ހުކުމެކެވެ.

މުޅި މާލެ ފެނަށް ޖެހުނު ކާރިޘާގައި ރައީސް ޔާމީން ޤައުމުގައި ނެތީސް، އިސް ސަފަށް ނިކުމެވަޑައިގެން ރައްޔިތުންގެ ލޯބި ހޯއްދެވި ކާނަލް ނާޒިމަށް 11 އަހަރުގެ ޖަލު ހުކުމެވެ. ނާޒިމްގެ މައްޗަށް ކުރެވުނީ ހަނގުރާމަވެރި ހަތިޔާރު އެތެރެކުރުމުގެ ކުށުގެ ދައުވާއެކެވެ. ނަމަވެސް އެ ހަތިޔާރަކުން ނާޒިމް ފިންގަޕްރިންޓެއް އަދި ޑީއެންއޭ އެއްވެސް ނުފެނުނެވެ. އަދި އެއީ ނާޒިމްގެ އެއްޗެއްކަން ކޯޓުގައި ވެސް ސާބިތުވެފައެއް ނުވެއެވެ.

ދެން ހުންނެވީ އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲއެވެ. ކާނަލް ނާޒިމާއި ނަޝީދަށް ކުރެވުނު ބޭއިންސާފު ހުކުމްތަކާއި ދެކޮޅަށް ރައްޔިތުން ގޮވައިގެން ނިކުމެ ފުރަ މާލާގެ މަގުތައް ފުރާލެއްވިއެވެ. އިމްރާންގެ ފަހަތްޕުޅުގައި ނިކުތް ރައްޔިތުން ލީޑަރެއްގެ ލަޤާބު އެރުވިއެވެ. އެއަށް ފަހު މޭޑޭ މުޒާހަރާގައި އިމްރާން ދެއްކެވި ވާހަކަތައް ޓެރަރިޒަމަށް ވެ 12 އަހަރުގެ ޖަލު ހުކުމެއް އިއްވުނެވެ.

އިމްރާނަށް ފަހު ދެން "ޝިކާރަ" އަކަށް ވެވަޑައިގަންނެވީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލެވެ. އެމަނިކުފާނު މަޤާމުން ވަކިކުރުމަށް ހަމަޖެހޭ އެއްވެސް އުޒުރެއް ސަރުކާރަކުން ނުދައްކައެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ، ނައިބު ރައީސް ކަމުގެ މަޤާމުން ވަކިކުރުމުގެ ކުރިން ޑރ.ޖަމީލު ވަނީ މާލޭގެ ގެތަކަށް އަދި ރައްޔިތުންގެ ގާތަށް ދޮރުން ދޮރަށް ހިންގެވިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމެވެ. އެތައް ދިވެހިންނަކަށް މަތީ ތައުލީމްގެ ފުރުސަތާއި ބޭސްފަރުވާގެ ކަންތައް ހަމަޖައްސައި ދެއްވާފައިވާ އަދިވެސް އެކަން ކުރަައްވަމުން ގެންދަވާ ބޭފުޅެކެވެ. ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވާން ފެއްޓެވި ހިސާބުން ގާސިމް ވެސް "ޝިކާރަ" ކުރެއްވިއްޖެއެވެ.

ވިޔަފާރިތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް އެކައުންޓްތައް ފްރީޒްކޮށްގެން ވެސް ޤާސިމް މައިތިރި ނުކުރެވުނެވެ. އެއަށްފަހު ދެން އުފުލުނީ ރިޝްވަތު ހުށަހެޅި ކަމުގެ ކުށުގެ ދައުވާއެކެވެ. މިފަހަރުވެސް "ހަވާ ފަޓާސް ބަރިއެއް" ހެން ކުރިއަށް ދިޔަ ޝަރީޢަތެކެވެ. ސިއްހީ ހާލުކޮޅު ގޯސްވެ ހޮސްޕިޓަލުގައި އޮތްވައި ޖަލަށް ލުމަށް ހުކުމް ކުރެވުނީއެވެ.

މި ލިސްޓަށް ދެން އިތުރުވާނެ ކަމަށް ބެލެވޭ ބޭފުޅަކީ، ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫނެވެ. މަޖިލީހުގެ މެންބަރަކަށް ރިޝްވަތު ހުށަހެޅި ކަމަށާއި އަދި ޝަޚްސު އޮޅުވާލިކަމަށް ބުނެ ފާރިސްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.

ރައްޔިތުންގެ ލޯބި ލިބޭ، އަދި ރައްޔިތުންގެ މެދުގައި މަޤްބޫލުކަން އިތުރުވާ ކޮންމެ މީހަކަށް މިފަދަ ބޭއިންސާފު ކަންތަކާއި ކުރިމަތިލާން ޖެހުމަކީ އިއްތިފާޤެއް ހެއްޔެވެ؟ ނުވަތަ އެބޭފުޅުންގެ މަޤްބޫލުކަން އިތުރުވާތީ ސަރުކާރުން ޖެހިލުންވަނީ ހެއްޔެވެ؟