ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކެންޑިޑޭޓަކު ކަނޑައަޅަން ބާއްވާ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން ރައީސް މުހައްމަދު ނަޝީދު އެޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް އަންގަވައިފިއެވެ.
ރައީސް ނަޝީދު މިގޮތަށް އަންގަވާފައި ވާއިރު ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކެންޑިޑޭޓަކު ކަނޑައަޅާނީ ޕްރައިމަރީއަކުން ކަމަށް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ޕްރައިމަރީގައި ވާދަ ކުރައްވަން ނަޝީދު ނިންމަވާފައި ވާއިރު އެމްޑީޕީން ދަނީ އިދިކޮޅު ފަރާތްތަކުން ގުޅިގެން އެއް ކެންޑިޑޭޓަކު ނެރުމާ ބެހޭ ގޮތުން ބަހުސް ކުރަމުންނެވެ.
އެމްޑީޕީ ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފައިވާ އިރު، ޖޭޕީއާއި ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމު ވެސް ގެންދަވަނީ އެމަނިކުފާނާ އެކު މަސައްކަތް ކުރާ ފަރާތްތަކާ މަޝްވަރާ ކުރަމުންނެވެ.
އެމްޑީޕީއިން ކެންޑިޑޭޓަކު ނެރޭނީ ޕްރައިމަރީއެއް ބާއްވައިގެން ކަމަށާއި ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް ކުރިން ވެސް ރައީސް ނަޝީދުވަނީ ވިދާޅުވެފައެވެ.
ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި ނަމަވެސް އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތެއް އެމަނިކުފާނަށް ނުދެއްވާނެ ކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ.