ހިތަދޫ ޕޯޓް ލިމިޓެޑް(އެޗްޕީއެލް) ގައި ވަޒީފާ އަދާކުރަމުން ދަނިކޮށް ފާއިތުވި ޖޫން މަހުގެ 18 ވަނަ ދުވަހު، ވަޒީފާއިން ވަކިކުރި ޙަސަން އަހުމަދުގެ ވަޒީފާ އަނބުރާ ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން އަމުރުކޮށްފިއެވެ.
ޓްރައިބިއުނަލުން ކަނޑައަޅާފައި ވަނީ ހަސަން ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ ގޮތުންނާއި އިޖުރާއީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަަމަ ކޮށްފައި ނުވާކަމަށެވެ.
އެހެންކަމުން ވަޒީފާ އާ ބެހޭ ގާނޫނާ ޚިލާފަށް ހަސަން ވަޒީފާއިން ވަކިކޮށްފައި ވާތީ ކުރިން އަދާކުރަމުން ދިޔަ ވަޒީފާ އޭނާއަށް ދިނުމަށާއި އެއްވެސްހާލެއްގައި އޭނާ އަކީ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމަށް ނުބެލެވޭނެ ކަމަށް ވެސް ޓްރައިބިއުނަލްގެ އަމުރުގައި ވެއެވެ.
މީގެ އިތުރުން ހަސަން ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން، ވަޒީފާ އަލުން ހަމަޖެހޭ ދުވަހާއި ހަމައަށް މުސާރައާ އިނާޔަތުގެ ގޮތުގައި އޭނާއަށް ލިބެންޖެހޭ ފައިސާ 20 ދުވަހުގެ ތެރޭގައި އޭނާއަށް ދީ ހަލާސްކުރުމަށް ވެސް ވަނީ އަމުރުކޮށްފަ އެވެ.
ހަސަން އަހުމަދު ހުށަހެޅި މައްސަލައިގައި އެދިފައިވަނީ އޭނާ އެޗްޕީއެލްގައި އަދާކުރި ވަޒީފާ އަނބުރާ ހޯދައިދިނުމަށާއި ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަަދަލާއި، ވަޒީފާއިން ވަކިކުރިފަހުން ފާއިތުވި މުއްދަތަށް ވާ މުސާރަ އާއި އިނާޔަތްތައް ހޯދުމަށެވެ.
ހަސަން އަހުމަދު ވަޒީފާއިން ވަކިކުރުމާއި ގުޅިގެން ސޯޝަލް މީޑިޔާގައި ގިނަ ބައެއްގެ ފާޑުކިޔުންތައް އެޗްޕީއެލްގެ އިސްވެރިންނަށް އަމާޒުވިއެވެ. އެފަރާތްތަކުން ބުނެފައި ވަނީ، އެޗްޕީއެލްގެ ވަޒީފާއިން ވަކިކުރީ ރޭވުމެއްގެ ތެރެއިން ދޮގު ތުހުމަތުތަކެއް ކުރުމަށް ފަހު ކަމަށެވެ.
އެހެން ނަމަވެސް އެވާހަކަތައް އެޗްޕީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުހައްމަދު ރަޝީދު (މެޓްރިކްސްމޯޑް) މީގެ ކުރިން ވަނީ ދޮގުކޮށްފައެވެ.