ދުނިޔެ

އޭޝިޔާ ދަތުރު ވަރަށް ކާމިޔާބު: ޓްރަމްޕް

އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް އޭޝިޔާއަށް ކުރެއްވި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށާއި އެދަތުރުގެ ހަގީގީ ފޮނި މީރުކަން ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ފިލިޕިންސްގެ މަނީލާގައި މިހާރު ހުންނަވައިގެން ޓްރަމްޕް ވިދާޅުވެފައިވަނީ މިދަތުރުގައި ކުރި މަސައްކަތުގެ މޭވާ ވަރަށް އަވަހަށް ލިބޭނެ ކަމަށާއި އޭގެ ފޮނި މީރުކަން އެންމެނަށްވެސް ލިބިގެންދާނެ ކަމަށެވެ.

ޓްރަމްޕުގެ އޭޝިޔާ ދަތުރުގައި މިފަހަރު ވަޑައިގެންފައިވަނީ ޖަޕާން، ދެކުނު ކޮރެއާ، ޗައިނާ އަދި ވިއެޓްނާމްގެ އިތުރުން ފިލިޕިންސްއަށެވެ. އެ ގައުމުތަކުގެ ލީޑަރުންނާއި ބައްދަލުކޮށް އެމެރިކާއާ ވިޔަފާރީގެ ގުޅުން ރަނގަޅު ކުރުމަށް ވާހަކަ ދެކެވުނު ކަމަށް ޓްރަމްޕް އަލިއަޅުވާލާފައިވެއެވެ.

އަދި ވިޔަފާރީގައި ހަމަހަމަކަން ގާއިމުކުރުމަށް ކުރެވޭ މަސައްކަތާ ގުޅޭގޮތުންވެސް މަޝްވަރާކޮށް ޚިޔާލު ބަދަލުކޮށްފައިވާ ކަމަށް ޓްރަމް ބުނެފައިވެއެވެ.

ޓްރަމްޕުގެ މި ދަތުރުގައި ފިލިޕިންސްގެ ރައީސް ރޮޑްރީގޯ ޑުޓާޓާއިވެސް ބައްދަލުކޮށްފައިވެއެވެ. ޑުޓާޓު އެގައުމުގައި ފައްޓާފައިވާ މަސްތުވާތަކެއްޗާ ދެކޮޅު ހަނގުރާމާގައި އިންސާނީ ހައްގުތައް ނިގުޅައިގަންނަމުންދާ ކަމަށް ބުނެ ބައިނަލްއަގުވާމީ އިދާރާތަކުގެ ފާޑުކިޔުންތައް އޭނާއަށް ވަނީ އަމާޒުވެފައެވެ.

ސީދާ އެކަމާއި ގުޅޭގޮތުން ޓްރަމްޕް ބަހެއް ބުނެފައިނުވި ނަމަވެސް ޓްރަމްޕް ބުނެފައިވަނީ ޑުޓާޓާ ދެމީހުންގެ ދެމެދުގައި ރަނގަޅު ގުޅުމެއް އޮންނަ ކަމަށެވެ.