ޚަބަރު

ކާނަލް ނަޝީދު ލަންޑަނުން ގެއެއް ގަނެފި

photo: v news

ޑީއާރުޕީގެ ލީޑަރު ކާނަލް މުހައްމަދު ނަޝީދު އިނގިރޭސިވިލާތުގެ ވެރިރަށް، ލަންޑަނުން 57 މިލިއަން ރުފިޔާގެ ގެއެއް ބައްލަވައިގެންފިއެވެ.

ކާނަލް ނަޝީދަކީ މިހާރު ރާއްޖެއިން ތައިލެންޑަށް ކަނޑައަޅާފައި ހުންނެވި ސަފީރެވެ. ނަޝީދު ބުނެފައިވަނީ ދެކުނު ލަންޑަނުން ބައްލަވައިގަތް ގެއަކީ އޭނާ ޓޫރިޒަމް ދާއިރާގައި ކުރައްވާ މަސައްކަތުން ލިބުނު ފައިސާއިން ގަނެފައިވާ ގެއެއް ކަމަށެވެ.

ނަޝީދު އިތުރަށް ވިދާޅުވެފައިވަނީ މިމުއާމަލާތަކީ އެއްވެސް ގޮތަކަށް ސިއްރުން ކޮށްފައިވާ މުއާމަލާތެއް ނޫން ކަމަށެވެ. އަދި މިއީ އޭނާ ކުރި ބުރަ މަސައްކަތުން ހޯދި ގެއެއް ކަމަށާއި މިއީ ކޮންމެ މީހަކަށްވެސް ވާނެ ކަމެއް ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.

ކުރީ ގައުމީ ދިފާއީ ބާރުގައި މަސައްކަތް ކުރެއްވި ކާނަލް ނަޝީދު ވަނީ ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މާލޭ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާފައެވެ. އަދި މިދިޔަ ރައްޔިތުންގެ މަޖިލީހުގައި ނޮޅިވަރަމް ދާއިރާގެ މެމްބަރުކަން ކުރެއްވުމަށްފަހު ޑީއާރުޕީއާ ގުޅިވަޑައިގެން ޕާޓީގެ ލީޑާޝިޕް ޕާޓީ ދޫކުރައްވައި ދިއުމުން ލީޑަރުކަންވެސް އޭނާ ކުރެއްވިއެވެ.