Last Updated: March 28, 21:55
Thursday, March 28, 2024
ރިޕޯޓް

މެދުއިރުމަތީގެ ކޮންޓްރޯލް: ސައުދީ އާއި އީރާން ކުރިމަތިލުމަކަށް

ސައުދީ އާއި އީރާނުން މެދުއިރުމަތީގެ ކޮންޓްރޯލް ހޯދުމަށް ވާދަވެރިކޮށް މަސައްކަތް ކުރާތާ މިވަނީ އަހަރުތަކެއް ވެފަައެވެ. މިގޮތުން ސީރިޔާ، އިރާޤް، ލުބުނާން، އަދި ޔަމަނުގެ ދާހިލީ ކަންކަމުގެ ތެރެއަށް މިދެގައުމުންވެސް ވަދެ އެގައުމުތަކުގައި އެބަޔަކު ބޭނުންވާ ވެރިކަމެއް ގާއިމުކުރުމަށް ދަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ.

ނަމަވެސް މިދިޔަ ފަސް ވަރަކަށް އަހަރުތެރޭގައި މެދުއިރުމަތީގެ މަސްރަހު ބަދަލުވެގެން އައިސްފައިވަނީ އީރާނުން ބޭނުންވާގޮތަށެވެ. އެގޮތުން އީރާޤުގެ ވެރިކަމަށް ޝީޢީން އައުމުން ސައުދީއަށްވުރެ ބޮޑަށް އީރާނުގެ ބަސްވިކޭ ގައުމަކަށް އީރާޤް މިވަނީ ބަދަލުވެފައެވެ.

އަދި ސީރީޔާގެ ބަޝާރުލް އަސަދު އަކީވެވެސް ޝީޢީ ފިރުގާއެއް ކަމަށްވާ އަލަވީ އެއްކަމުން ސައުދީ ގެ ނުފޫޒު އެއްވެސް ވަރަކަށް ސީރިޔާގެ ސަރުކާރަކަށް ފޯރާގޮތެއް ނުވެއެވެ. އަދި ބަޝާރު ވެރިކަމުން ދުރުކުރުމަށް ކުރެވުނު މަސައްކަތްތަކުގައި ސައުދީއިން އިސްކޮށް ހަރަކާތްތެރިވިއިރު އީރާނުންވަނީ ފާޅުގައި ބަޝާރު ދިފާއުގައި މަސައްކަތްކޮށްފައެވެ.

މީގެ އިތުރުން ޔަމަނުގައި ސައުދީގެ ތާއިދުއޮތް ސަރުކާރު ވައްޓާލައި ހޫތީން ޔަމަނަށް ވެރިވެގެންފައި ވުމުން ޔަމަނުގައިވެސް ސައުދީގެ ނުފޫޒު އެއްކޮށް ނެތިދާނެކަމުގެ ބިރުމިވަނީ ބޮޑުވެފައެވެ.އަދި ހޫތީންނަކީ އީރާނުގެ ސީދާ މަދަދުލިބޭ ޖަމާއަތެއް ކަމަށް ސައުދީ އިން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

މެދުއިރުމަތީ އެހެން ގައުމުތައް ކަމަށްވާ ލުބުނާނު އަދި ޤަތަރަކީވެސް އީރާނުގެ ނުފޫޒު އޮތް ދެގައުމުކަމަށްވުމުން ސައުދީއިންދަނީ އެގައުމުތަކުން އީރާނުގެ ނުފޫޒު ކަނޑުވާލުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް މިހާތަނަށް ސައުދީއަށް ކާމިޔާބުވާގޮތެއް ވަނީ ނުވެފައެެވެ.

ލުބުނާނުގެ ހިޒްބުﷲ އަކީ ލުބުނާނުގެ އަސްކަރިއްޔާއަށްވުރެ ބާރުގަދަ ސީދާ އީރާނުގެ މަދަދުލިބޭ ޖަމާޢަތެކެވެ. އަދި އަސްކަރީގޮތުން ލުބުނާނުގައި ސައުދީއަށް ކުރިއެރުން ލިބުމަކީ ދުރުކަމެއް ކަމަށް އަސްކަރީ ތަޖުރިބާކާރުން ދެކެއެވެ.

2011 ވަނަ އަހަރު ސީރިޔާގައި ފެށުނު ދާހިލީ ހަމަނުޖެހުނެތަކުގައި ބައްޝާރު ވެރިކަމުން ވައްޓާލުމަށް ހަނގުރާމަކުރި އެކި ޖަމާޢަތްތަކަށް ސައުދީން ވަނީ ވަރަށްބޮޑަށް އެހީތެރިވެފައެެވެ. އަދި މި ހަނގުރާމައިގަ ބަޝާރު އިންތިހާއަށް ބަލިކަށިވެފައިވަނިކޮށް 2015 ވަނަ އަހަރު ސެޕްޓެމްބަރ މަހު ރަޝިޔާ އިސްވެ އޮވެގެން އީރާނާއި ހިޒްބުﷲ ގުޅިގެން ދެވުނު ވަރުގަދަ ހަމަލާތަކަށްފަހު ސައުދީގެ މަދަދުލިބޭ ހަނގުރާމަވެރި ޖަމާއަތްތައް ބަލިކުރެވި ސީރިޔާގެ ސަރަހައްދުތަކުން މިވަނީ ފައްސާލެވިފައެވެ. އަދި ބަޝާރު ވެރިކަމުން ދުރުކުރުމަކީ މިހާރު ނުކުރެވޭނެ ކަމެއް ކަމަށް ސައުދީން ގަބޫލުކުރެއެވެ.

އިރާޤުގެ ކުރީގެ ރައީސް ސައްދާމު ހުސެއިންގެ ދުވަސްވަރު އީރާނާ ދެކޮޅަށް ކުރެވުނު 08 އަހަރުގެ ހަނގުރާމައަށްފަހު އިރާޤަކީ އީރާނާ އެކު ގުޅުން ރަނގަޅު ގައުމެއް ނޫނެވެ. ނަމަވެސް 2003 ވަނަ އަހަރު އެމެރިކާއިން ސައްދާމުގެ ވެރިކަން ނިމުމަކަށް ގެނައުމުން އުފެދުނު ހަމަނުޖެހުން ތަކުގައި އިސްލާމިކް ސްޓޭޓް އުފަން ވެގެން، އިރާޤު ސަރުކާރުން އިސްލާމިކް ސްޓޭޓާ ދެކޮޅަށް ކުރެވުނު ހަނގުރާމައިގަ އެންމެ ބޮޑު އެހީތެރިކަމެއް ދީފައިވަނީ އީރާނާއި އީރާނުގެ މަދަދުލިބޭ ޝީޢީ ހަނގުރާމަވެރި ޖަމާޢަތްތަކުންނެވެ. އެހެންކަމުން މިހާރު އިރާޤުގެ ބޮޑުވަޒީރު ހައިދަރް އަލް އާބަދީ ވެފައިވަނީ އީރާނުގެ ވަރަށްބޮޑު ރަހުމަތްތެރިއަކަށެވެ. އަދި އާބަދީގެ ސަރުކާރަށް ސައުދީގެ ނުފޫޒު އެއްވެސް ވަރަކަށް ނުފޯރާ ކަމަށް މަސްރަހު ދިރާސާކުރައްވާ ފަރާތްތަކުންދަނީ ބުނަމުންނެވެ.

މީގެއިތުރުން 2014 ވަނަ އަހަރު ޝީޢީންގެ ދީނީ ޖަމާޢަތެއް ކަމަށްވާ ހޫތީންނާއި ޔަމަނުގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހްއަށް ވަފާތެރި ސިފައިން ޔަމަނުގެ ބޮޑު ސަރަހައްދެއް ހިފުމާއި ގުޅިގެން ސައުދީން ވަނީ އެޖަމާޢަތާ ދެކޮޅަށް ހަނގުރާމައެއް ފަށާފައެވެ. މިހާތަނަށް ސައުދީ އިސްކޮށް ހަރަކާތްތެރިވާ ކޯލިޝަނުން ދިން ހަމަލާތަކުގައި އެތައްހާސް އާންމުންގެ ބަޔަކު މަރުވެފައިވީނަމަވެސް މާ ބޮޑު ކުރިއެރުންތަކެއް ލިބިފައިނުވެއެެވެ. ހޫތީން މިހާރުވެސް ޔަމަނުގެ ބޮޑު ސަރަހައްދެއް ދަނީ ކޮންޓްރޯލް ކުރަމުންނެވެ. މީގެ ތެރޭގައި ޔަމަނުގެ ވެރިރަށް ސަންއާވެސް ހިމެނެއެވެ.

މި ގައުމުތަކުގައި ހިންގުނު އަސްކަރީ ހަރަކާތްތަކުގައި އީރާނުން ބޭނުންވާ ކުރިއެެރުން ހޯދާފައިވާއިރު މި ގައުމުތަކުގެ ތެރެއިން ޔަމަނާއި އިރާޤަކީ ސަރައްހައްދީ ގޮތުން ސައުދީ އާއި އިންވެގެން އޮތް ގައުމުތަކެކެވެ. މިގޮތުން ޔަމަނާއި ސައުދީ އާ ދެމެދު 1800 ކިލޯ މީޓަރުގެ ބޯޑަރު ސަރަހައްދެއް އޮންނައިރު އިރާޤާއި ސައުދީއާ ދެމެދު 900 ކިލޯމީޓަރު ދިގު ބޯޑަރު ސަރަހައްދެއް އޮވެއެވެ. އެހެންކަމުން މިގައުމުތަކުގައި އީރާނުގެ ނުފޫޒު އޮތުމަކީ ސައުދީއަށް ކުރިމަތިވެފައިވާ ބިރަކަށްވަނީ ވެފައެވެ.