އައްޑޫ ސިޓީ ހިތަދޫ އަވަށުގެ ބޮޑު މަގުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ބޮޑުމަގުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ކުއްލިއަކަށް ގޯޅިއަޅަން އުޅެނިކޮށް ސައިކަލަކުން ޖެހިގެންނެވެ.
"ގަމާއި ވީ ކޮޅުން ބާރު ސްޕީޑްގައި އައި ކާރު ކުއްލިއަކަށް އެސްބީއައި އާއި ދިމާލަށްގޯޅި އެޅީ. އެވަގުތު އަނެއްފަޅިން ދުއްވާފައި އައި ސައިކަލުން ކާރުގައި ޖެހުނީ." އެކްސިޑެންޓް ހިނގި މަންޒަރު ދުށް މީހަކު ބުންޏެވެ.
މި އެކްސިޑެންޓް ހިނގި އިރު ސައިކަލް ދުއްވަން ހުރި މީހާގެ ބޮލަށް އަނިޔާވެފައި ވާއިރު އޭނާ އަށް މިހާރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. އެހެން ނަމަވެސް އޭނާ އަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާ ކަމަށް ވެއެވެ.