Last Updated: June 16, 20:09
Tuesday, June 16, 2026
ޚަބަރު

ޖަރުމަނާއި ފްރާންސް އެއްވަރު

މިހާރު ކުޅޭ އެކުވެރިކަމުގެ މެޗުތަކުގައި ޖަރުމަނުވިލާތާއި ފްރާންސް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެއްޖެއެވެ.

އާސެނަލްގެ ތަރި، ލަކަޒޭޓްގެ ދެ ގޯލު ފެނިގެންދިޔަ މެޗުގައި ދެޓީމުންވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ 33 ވަނަ މިނެޓުގައި ލަކަޒެޓް ގޯލު ޖަހައި ލީޑު ނަގާފައިވާއިރު ފުރަތަމަ ހާފުގައި ފެނިގެން ގޮސްފައިވަނީ އޭނާގެ ގޯލު އެކަންޏެވެ.

ނަމަވެސް ދެވަނަ ހާފު ފެށިގެން މާ ގިނައިރުތަކެއް ނުވެ އޮޒިލްގެ އެސިސްޓަކުން ވާނާ ވަނީ ޖަރުމަނަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ފްރާންސުން ދެވަނަ ފަހަރަށް ލީޑު ނެގީ 64 ވަނަ މިނެޓުގައި އެމްބާޕޭގެ އެސިސްޓަކުން އަނެއްކާވެސް ލަކަޒޭޓްއެވެ.

ފްރާންސު ކޮޅަށް ޖަރުމަނު ލަނޑު ޖަހައި ދެވަނަ ފަހަރަށް އެއްވަރުކޮށްފައިވަނީ 90 ވަނަ މިނެޓުގައެވެ. މިލަނޑު ޖަހާފައިވަނީ ސްޓިންޑެލްއެވެ. ފްރާންސު ޓީމުން ޖިރޫޑާއި ގްރީޒްމަން ނުލާ ކުޅުނު މެޗުގައި ޒުވާން ދެ ތަރިން ކަމަށްވާ މާޝިއަލް އަދި އެމްބާޕޭއަށް ރޭގެ މެޗުގައި ވަނީ ފުރުސަތު ދީފައެވެ.

ރޭ އިނގިރޭސި ވިލާތާއި ބްރެޒިލް ބައްދަލުކުރި މެޗު ނިމިގެން ގޮސްފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އިނގިރޭސި ޓީމުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ރޭގެ މެޗުގައި ހެރީ ކޭން ބައިވެރިކޮށްފައެއް ނުވެއެވެ.