ގަދަބާރުން ދަމަހައްޓާ ވެރިކަމުން އުފަލެއް ނެތްކަން ރައީސް ޔާމީނަށް އިހްސާސްކުރެއްވޭ ކަމަށާއި އެމަނިކުފާނުގެ ނިމުން އަންނާނީ ވަރަށް އެކަނިވެރިކޮށް ކަމަށް މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.
އަމީތު މިހެން ވިދާޅުވެފައި ވަނީ، މަޖިލީހުގެ މެންބަރުންތަކެއް ގެއްލުމަކީ ކުރިމަތިވާނެ ގޮންޖެހުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައެވެ.
"މީހުން ޖަލަށް ލައިގެން އޮބަހައްޓައިގެން ގަދަބާރުން ދަމަހައްޓާ ވެރިކަމުން އުފަލެއް ނެތްކަން ޔާމީނަށް އިހްސާސް ވާހެން އެބަހީވޭ. ނިމުން އަންނާނީ ވަރަށް އެކަނިވެރިކޮށް" -މެންބަރު އަމީތު-
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމަށް ނަގަން އުޅުނު ވޯޓުގައި މަސީހާއި ދެކޮޅަށް ވޯޓު ދެއްވާނެ ކަމަށް ވިދާޅުވި ހިސާބުން ޕީޕީއެމުން ވަނީ އޭނާ ޕާޓީން ވަކިކޮށްފައެވެ. އަދި އެއާއި އެކު އިލެކްޝަންސް އިން ވަނީ އަމީތުގެ "ގޮނޑި ގެއްލިފައިވާ" ކަމަށް ކަނޑައަޅާފައެވެ.
އިލެކްޝަންސް އިން ގޮނޑި "ގެއްލުވާލާފައި" ވަނިކޮށް ޖުލައި 24 ގައި މަޖިލީހަށް ވަން މައްސަލާގައި، ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ އާއި ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ހުރަސް އެޅުމުގެ ދައުވާ އަމީތުގެ މައްޗަށް ވަނީ އުފުލާފައެވެ.