މަޖްލިސްގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލާގައި ރިޝްވަތު ދެއްވުމުގެ މެދުވެރިއެއްގެ ދައުރު އަދާކުރި ކަމުގެ ތުހުމަތުގައި ލ.ފޮނަދޫ ސްވީޓްފްލާވާ، އަހްމަދު ޝާފިއުގެ އާއިލާގެ ބައެއް މެންބަރުންގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރަކާއި ގުޅިގެން ޝާފިއުގެ އަންހެނުންނާއި، އާއިލާގެ އިތުރު ތިން މީހެއްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށައް ވަނީ ގެންގޮސްފައެވެ.
ޝާފިއުގެ މައްޗަށް ތުހުމަތު ކުރަނީ މަޖްލިސްގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މަޖްލިސް މެމްބަރުންނަށް ރިޝްވަތު ދެއްވުމުގައި މެދުވެރިއެއްގެ ބައި އަދާކުރިކަމުގެ ތުހުމަތެވެ. އެތުހުމަތާއި ގުޅިގެން ޝާފިއު ހައްޔަރުކޮށް ފަހުން ވަނީ ދޫކޮށްލާފައެވެ.
ލ. ފޮނަދޫ ކޯޓުން ނެރުނު އަމުރުގައި ވަނީ ބައެއް މީހުންގެ ފޯނުތައް ހިފެހެއްޓުމަށާއި ގެތައް ބަލައި ފާސްކުރުމަށެވެ.
އެގޮތުން ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ހުއްދަ ނޫން މައުލޫމާތުތަކެއް އާއްމުކުރި ކަމަށް ބުނެ ތަހުގީގުކުރާ މައްސަލައަކާ ގުޅިގެންނެވެ.
ކޯޓު އަމުރުގައިވާ ގޮތުން، އޭގެތެރޭގައި ދިވެހި ރާއްޖޭގެ ޖުޑިޝަރީ އާއި ލ. ގަމު މެޖިސްޓްރޭޓް ކޯޓާއި އެ ކޯޓުގެ މެޖިސްޓްރޭޓްގެ އަގު ވައްޓާލުމުގެ ނިޔަތުގައި ރާއްޖެ ޓީވީ އަށް މައުލޫމާތު ހިއްސާކުރި މައްސަލައެއް ވެސް ހިމެނެ އެވެ.
ޝާފިއު މިވަގުތު ހުންނެވީ ރާއްޖޭން ބޭރުގައެވެ.