ގއ.ކޫއްޑޫއަށް ދިޔަ ތަޖްރިބާގެ ދަތުރު ނިންމާލައި އެނބުރި އައްޑުއަށް އައި ދަތުރުގައި ހާލު ދެރަވެގެން އެމަޖެންސީގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދެވުނު 15 ކުދިންގެ ތެރެއިން ދެ ކުއްޖަކު ފިޔަވައި ބާކީ ތިބި ކުދިން ދޫކޮށްލައިފިކަމަަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުﷲ ސައީދު ވިދާޅުވީ ހޮސްޕިޓަލުގައި އެޑްމިޓް ކުރި ކުދިންނަކީ ބޯޓު ތެރޭގައި ހޮޑުލެވި ވަރުބަލި ކުދިން ކަމަށެވެ. އަދި އެކުދިން ހޮސްޕިޓަލަށް ގެނެސް އެޑްމިޓް ކުރި އިރު ވެސް އެކުދިން ތިބީ ސީރިއަސް ހާލަތުގައި ނޫންކަމަށް އަބްދުﷲ ސައީދު ވިދާޅުވިއެވެ.
ހޮސްޕިޓަލުން ބުނީ މިވަގުތު އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަ ދެކުދިންނަކީ ނޭވާލުމުގައި ދަތިތަކެއް ހުންނަ ކުދިންކަމަށެވެ. އަދި އެކުދިންގެ ހާލުވެސް ރަނގަޅުކަމަށް ހޮސްޕިޓަލުން ބުނެއެވެ.
145 ދަރިވަރުންނާއި އެކު އައްޑޫ ހައިސްކޫލް ދަރިވަރުން ފީލްޑް ޓްރިޕްގައި ފުރާފައިވަނީ މާޗް 19 ވަނަ ދުވަހުގެ ރޭ ހިތަދޫ ފުރުސަތު ބޯޓުގައެވެ.