Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

މުގާބޭ އަނބި ފިލައިގެން ގައުމުން ބޭރަށް!

ޒިމްބާބްވޭގެ ރައީސް ރޮބަޓް މުގާބޭގެ 37 އަހަރުވީ ވެރިކަން ރޭ އަސްކަރިއްޔާގެ ކޮންޓްރޯލް ދަށައް ގެނެސްފައިވަނިކޮށް މުގާބޭގެ ނުފޫޒުގަދަ އަނބިކަބަލުން ގްރޭސް މުގާބޭ ފިއްލަވައިގެން ގައުމު ދޫކޮށް ވަޑައިގެންފިކަމަށް ހަބަރު ފެތުރެން ފަށައިފިއެވެ.

ބައެއް މީޑިއާ ރިޕޯޓް ބުނާ ގޮތުން ގްރޭސް މުގާބޭ ވަނީ ފިއްލަވައިގެން އަވައްޓެރި ނެމީބިއާއަށް ވަޑައިގެންފައެވެ. މުގާބޭ އާއި އާއިލާގެ ބައެއް ފަރާތްތައް ގޭ ބަންދުކޮށްފައިވާ އިރު އެމީހުންގެ ހާލު ރަނގަޅުކަމަށް މައުލޫމާތު ލިބެއެވެ.

ރޭ ދަންވަރު އަސްކަރިއްޔާއިން ބަރު ހަތިޔާރާއި އެކު ހަރާރީގެ މަގުތަކަށް ނިކުމެ ފުރަތަމަވެސް ކޮންޓްރޯލް ކުރީ އެގައުމުގެ ރަސްމީ ޓީވީ ސްޓޭޝަނެވެ. އޭގެ ފަހުން މުގާބޭ ދިރިއުޅުއްވަމުން ގެންދެވި ގެކޮޅު ވަށާލައި ރައީސް އަސްކަރިއްޔާގެ ބެލުމުގެ ދަށައް ގެންނެވިއެވެ.

އަސްކަރިއްޔާއިން ފުރަތަމަ ނެރުނު ރިޕޯޓްގައި ބުނީ އެ އޮޕަރޭޝަނަކީ ސަރުކާރުގައި ތިބި މުޖްރިމުން ހިފައި ހައްޔަރުކުރުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްކަމަށެވެ.

މުގާބޭގެ ވެރިކަން ނިމުމަކަށް ގެނެސް އަސްކަރިއްޔާއިން ވަނީ ވަގުތީ ސަރުކާރެއް އުފައްދައި އެ ސަރުކާތުގެ ރައީސަކަށް މުގާބޭގެ ކުރީގެ ނަިއބް ރައީސް އެމާސަން މަނަންގާގުވާއާއި ހަވާލުކޮށްފައެވެ.

މުގާބޭގެ އަނބިކަބަލުން ގްރޭސް އަކީ މުގާބޭ ސަރުކާރުގައި އެންމެ ނުފޫޒުގަދަ އެއްފަރާތެވެ. އެގޮތުން އެމަސަން ނައިބް ރައީސްކަމުން ވަކި ކުރީވެސް ގްރޭސްގެ ނުފޫޒުގައި އަންނަ ދައުރުގެ ނައިބް ރައީސަަކަށް އައުމުގެ ބޭނުމުގައިކަމަށް ހަބަރު ވަނީ ފެތުރިފައެވެ.