ސްރީލަންކާގައި ހުންނަ އެމެރިކާ އެމްބަސީ ހިންގަނީ އިންޑިޔާ އާއި ސްރީލަންކާގެ ނުފޫޒުން ކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ޗެނަލް 13 އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މެންބަރު މުހައްމަދު ވިދާޅުވީ، ލަންކާގައި ހުންނަ އެމެރިކާ އެމްބަސީގައި ނަގާފައި މިތިބީ މުޅިން ވެސް އިންޑިޔާ ލަންކާ މީހުން ކަމަށެވެ.
ދިވެހިރާއްޖެގެ ސިޔާސީ ހާލަތާއި ގުޅޭގޮތުން އެމެރިކާ ސަރުކާރުން ވާހަކަތައް ދައްކާފައި ވާތީ އެކަމަށް އިޝާރާތް ކުރައްވައި މެންބަރު މުހައްމަދު ވިދާޅުވީ، އެވާހަކަތައް ދެއްކެނީ އެތަނަށް ނަގާފައި ތިބީ އިންޑިޔާ އަދި ލަންކާގެ މީހުންނަށް ވުމުން ކަމަށެވެ.
"ދެން އެމެރިކާ ވާހަކަ ދައްކާއިރު ލަންކާގައި އޮންނަ އެމެރިކާ އެމްބަސީގައި ނަގާފައި މިތިބީ މުޅިން ވެސް އިންޑިޔާ ލަންކާ މީހުން. ހަގީގަތުގައި އެމެރިކާގެ އެމެރިކާ ސަރުކާރުން އެކަން(ނަޝީދަށް ކުރިމަތިލެވޭ ގޮތަށް ވާން) ބޭނުން ވެގެން އުޅެނީކީއެއް ނޫން. އެތަނަށް ނަގާފަ ތިބި އެ އެއ އެ ގައުމުތަކުގެ އިންޑިޔާގެ ބޭފުޅުން ވީމަ އިންޑިޔާ އެމްބަސީގައި ތިބެގެން އެވާހަކަތައް ދެކެވޭނީ ލަންކާގައި ވީމަ ލަންކާގެ މުވައްޒަފުން ތިބެގެން އެވާހަކަތައް ދެކެވެނީ." މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.
މިއީ ބޭރު ޤައުމެއްގެ އެމްބަސީ އާއި މެދު ރާއްޖޭގެ ސިޔާސީ ބޭފުޅަކު މިފަދަ ތުހުމަތެއް ކުރެއްވި ފުރަތަމަ ފަހަރެވެ.
ފައިސާ ގޯނި ހިފައިގެން އެމްޑީޕީގެ މެމްބަރުންނަށް ފައިސާ ބަހަން ވަޑައިގެންނެވި ކަމަށް މީގެ ކުރިން އިއުތިރާފްވެވަޑައިގެންފައިވާ މުހައްމަދު އިސްމާއިލް ވިދާޅުވި ގޮތުގައި ހަގީގަތަކީ އެމެރިކާ ސަރުކާޜުން ދިވެހި ރާޢްޖެއާއި މެދުގައި އެއްވެސް މައްސަލައެއް ނެތެވެ.
އަދި ކުރީގެ ރައީށް މުހައްމަދު ނަޝީދަށް ވެރިކަމަށް ކުރިމަތިލެވޭ ގޮތަށް ހަދާކަށް ވެސް އެގައުމުން ބޭނުމެއް ނުވެއެވެ.