Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

އެއް ކެންޑިޑޭޓް ނެރުމަށް ތާއިދު ކުރަން އެމްޑީޕީން ނިންމައިފި

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބްގައި އިދިކޮޅު ފަރާތްތައް ގުޅިގެން އެއް ކެންޑިޑޭޓު ނެރުމަށް ތާއިދު ކުރަން އެމްޑީޕީން ފާސް ކޮށްފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިފާގުން ފާސްކުރި ގަރާރުގައި ބުނެފައިވަނީ އަންނަ ރިޔާސީ އިންތިހާބްގައި ވާދަ ކުރާނެ ކެންޑިޑޭޓަކު ހުރިހާ ޕާޓީ ގުޅިގެން ނެރުމަށް ތާއިދުކަމަށެވެ. އަދި އެމްޑީޕީން ނެރޭ ކެންޑިޑޭޓެއް ނެރޭނީ އެތެރޭގެ ޕްރައިމަރީއަކުން ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަމަށް އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިއްލާން ކުރައްވާފައެވެ.

އެމްޑީޕީގެ ގަރާރުގައި ވަނީ އެއް ކެންޑިޑޭޓް ނެރުމަށް އެޕާޓީން ތާއިދު ކުރާ ސަބަބުވެސް ބަޔާންކޮށްފައެވެ. އެގޮތުން ފާހަގަ ކޮށްފައިވާ ކަންކަމަކީ އިލެކްޝަން ކޮމިޝަނާއި ރާއްޖޭގެ އެހެން މިނިވަން މުއައްސަސާތައް ވެސް ސަރުކާރުގެ ނުފޫޒުގެ ދަށުވެފައިވާ ކަަމަށް އެޕާޓީން ގަބޫލު ކުރުމެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މިނިވަންކަން ނަގާލައިި ސިފައިން ލައްވާ އެތަން ކޮންްޓްރޯލް ކުރަމުންދާ ކަމަށް ގަބޫލު ކުރެވުމަކީ ވެސް ސަބަބެއްގެ ގޮތުގަައި ފާހަގަ ކޮށްފައި ވެއެވެ.