ބައި ގަރުނުގެ ތެރޭގައި ފުރަތަމަ ފަހަރަށް ފީފާ ވޯލްޑް ކަޕަށް ކޮލިފައިނުވުމުން އިޓަލީގެ ކޯޗު ކަމުން ގިއަމްޕިއޭރޯ ވެންޗޫރާ ވަކިކޮށްފިއެވެ.
ވެންޗޫރާ ވަކިކޮށްފައިވަނީ އޭނާގެ ކުރިމަގާއި ގުޅޭ ގޮތުން ބޭއްވި އެފްއޭ ބައްދަލުވުމުގައެވެ. ބައްދަލުވުމުގެ ކުރިން ވެންޗޫރާ ބުނެފައިވަނީ އޭނާގެ ކޯޗުކަމުގެ ދަށުން އިޓަލީ ހޭދަކުރި ދުވަސްތަކަކީ ފާއިތުވެދިޔަ 40 އަހަރު ތެރޭގައިވެސް އެންމެ ރަނގަޅު ރެކޯޑު ކަމަށެވެ.
ވެންޗޫރާ ފާހަގަކޮށްފައިވަނީ އޭނާގެ ކޯޗު ކަމުގެ ދަށުން އިޓަލީ ބަލިވެފައިވަނީ ދެ އަހަރު ތެރޭ އެންމެ ދެ ފަހަރު ކަމެވެ. ނަމަވެސް އޭނާއަށް ވަނީ ގިނަ އަދި މުހިންމު މެޗުތަކުން އެއްވަރުވެފައެވެ. ކޮލިފައިންގައި ސްޕެއިން އަތުން އެއް މެޗުން ބަލިވެ އެއް މެޗުން ވަނީ އެއްވަރުވެފައެވެ.
އަދި މެސެޑޯނިއާ އަތުންވެސް އެއްވަރުވެ ސްވިޑެން އަތުން އެއް މެޗުން ބަލިވެ އަނެއް މެޗުން އެއްވަރުވެ އެގްރިގޭޓުން ބަލިވެ އިޓަލީ ވަނީ ވޯލްޑް ކަޕުން ޖާގައެއް ނުލިބި ކަޓާފައެވެ.
ވޯލްޑް ކަޕުން ޖާގައެއް ނުލިބުމުން ވެންޗޫރާ ބުނެފައިވަނީ އޭނާގެ ޓީމަށް ނަތީޖާ ނުނެރުވުނީތީ މައާފަށް އެދޭ ކަމަށެވެ. ނަމަވެސް މިފަހަރު އެހެން ދިމާވެފައިވަނީ އޭނާގެ ޓީމަށް ނުކުޅެވިގެން ނޫން ކަމަށް ވެންޗޫރާ ވަނީ ފާހަގަކޮށްފައެވެ.
އެންމެ ފަހަކަށް އިޓަލީ ވޯލްޑް ކަޕުން ޖާގައެއް ނުލިބި ބާކީވެފައިވަނީ 1958 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުގައެވެ. ހަތަރު ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ އިޓަލީ އެންމެ ފަހަކަށް ވޯލްޑް ކަޕް ކާމިޔާބުކުރީ 2006 ވަނަ އަހަރު ފައިނަލުގައި ފްރާންސް ބަލިކޮށްގެންނެވެ.