Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

2020 ގެ ކުރިން ރާއްޖޭން ޓީބީ ނައްތާލަނީ

ދެހާސް ވިހިވަނަ އަހަރުގެ ކުރިން ރާއްޖެއަކީ ޓީބީ ނައްތާލާފައިވާ ގައުމަކަށް ހަދަން މަސައްކަތް ކުރަމުން ގެންދަވާ ކަަމަށް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއެޗްއޯ އިން އިންތިޒާމުކޮށްގެން ރަޝިއާގެ މޮސްކޯގައި ބާއްވާ ކޮންފަރެންސްގައި ބައިވެރިވަޑައިގަތުމަށް ފުރައިވަޑައިގަތުމުގެ ކުރިން މީޑިއާތަކަށް މިނިސްޓަރު ވިދާޅުވީ ދުނިޔެއިން ޓީބީ ނައްތާލުމަށްޓަކައި ބާއްވާ ކޮންފެރެންސްގެ ސަބަބުން ރާއްޖޭން ޓީބީ ނައްތާލުމަށް ކުރަމުންދާ މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެން ދާނެ ކަމަށެވެ.

އެގޮތުން ރާއްޖޭން ޓީބީ ނައްތާލުމަށް ކުރާ މަސައްކަތަށް މާލީ ގޮތުންނާއި ފަންނީ ގޮތުން އެހީތެރިކަން މި ކޮންފެރެންސްގެ ސަބަބުން ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ރާއްޖޭން ޓީބީ ނައްތާލުމުގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބޭރުގެ ގައުމުތަކުން ރާއްޖެ އަށް މަސައްކަތް ކުރަން އަންނަ މީހުންގެ ފަރާތުން މި ބަލި ފެތުރުންކަމަށެވެ.

"ރާއްޖެ އަށް މިމަ އްސަލާގައި މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އަވައްޓެރި ޤައުމުތަކުން މަސައްކަތުގެ ގޮތުގައި މި އަންނަ މީހުންގެ ސިއްޚީ މައްސަލަތައް. އަޅުގަނޑުމެންގެ އަވައްޓެރި ބައެއް ޤައުމުތަކަކީ ޓީބީގެ އިޝޫ ދުނިޔޭގެ ނިސްބަތުން އިތުރު ޤައުމުތައް،" މިނިސްޓަރު ވިދާޅުވި އެވެ. "އެހެންވީމަ އެކަމަށް ޚައްލު ހޯދުން އަޅުގަނޑުމެންނަށް އެންމެ ބޮޑު ދައްޗަކަށް މިވަނީ. އަޅުގަނޑުމެންގެ ޒުވާންޖީލު މިކަމަށް ހޭލުންތެރިވެ، އަޅުގަނޑުމެންގެ ބޭސްފަރުވާގެ ކަންކަން ރަނގަޅުވެ މި ހުރިހާ ކަމެއްގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ޓީބީގެ ހާލަތަކީ ވަރަށް ކުރިންސުރެ ރަނގަޅު ކުރެވިފައިވާ ކަމެއް."

ދުނިޔޭގެ 70 ޤައުމެއްގެ ހެލްތު މިނިސްޓަރުންނާ އެކު 100 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވާ ކޮންފަރެންސް އޮންނާނީ މިމަހުގެ މިއަދުން ފެށިގެން މި މަހުގެ 18 އަށް ރަޝިއާގެ ވެރި ރަށް މޮސްކޯގަ އެވެ.