Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ޖަނެރޭޓަރުތަކުގެ އިންސްޓަލޭޝަން ހަލުވި: ފެނަކަ

ޖަނެރޭޓަރުތައް އިންސްޓޯލް ކުރުމުގެ މަސައްކަތުގައި ޗައިނާގެ އިންޖިނިއަރަކު ހަރަކާތްތެރިވަނީ. ފޮޓޯ: ފެނަކަ

މީގެ އަހަރަކަށް ވުރެ ގިނަ ދުވަސް ކުރިން އައްޑޫ ސިޓީ އަށް ގެނެސްފައިވާ، 2 މެގަވޯޓުގެ ޖަނެރޭޓަރުތައް އިންސްޓޯލް ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ދެއްވަމުން ފެނަކަ އައްޑޫ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، މިހާރު 2 މެގަވޯޓުގެ ޖަނެރޭޓަރުތައް ބެޑަށް އަރުވައި ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރަމުން ގެންދަނީ، އިލެކްޓްރިކް މަސައްކަތްތައް ކަމަށެވެ.

"ޖަނެރޭޓަރުތައް މިހާރު އެހެރީ ބެޑަށް އަރުވާފައި، ފިޒިކަލީ ކުރަން ޖެހޭ ބޮޑެތި މަސައްކަތް މިވަނީ ނިމިފައި.މިހާރު ކުރިއަށް ދަނީ އިލެކްޓްރިކް މަސައްކަތްތައް، އަދި ކޭބަލް ވަޅުލަން ކާނުތައް ހެދުމާއި ޕެނަލް ބޯޑުގެ މަސައްކަތް." އޮފިޝަލް ވިދާޅުވިއެވެ.

ޖަނެރޭޓަރުތައް އިންސްޓޯލް ކުރުމުގެ މަސައްކަތް އިންޖީނުގޭގެ މުވައްޒަފުން ކުރަމުން އަންނައިރު އެ މަސައްކަތްތައް މޮނިޓަރ ކުރުމަށް ޗައިނާގެ 2 އިންޖިނިއަރުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

ފެނަކަ އައްޑޫ އޮފީހުގެ އޮފިޝަލް ވިދާޅުވީ، ޑިސެމްބަރު މަހުގެ ތެރޭގައި ޖަނެރޭޓަރުތަކުން ކަރަންޓު ދޫކުރެވޭނެ ކަމަށެވެ.

" މަސައްކަތް ކުރިއަށްދާ ސްޕީޑަށް ބަލާއިރު އިރާދަކުރެއްވިއްޔާ ޑިސެމްބަރު މަހުގެ ތެރޭގައި ޚިދުމަތް ދެވޭނެ. އެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އަޅުގަނޑުމެންނަށް އެބައޮތް" އޮފިޝަލް ވިދާޅުވިއެވެ.