ހުޅުމީދޫން ގޯއްޗަށް އެދި ގިނަ އަދަދެއްގެ ބަޔަކު ފޯމު ހުށަހަޅާފައިވަނިކޮށް ސިއްރު ގޮތަކަށް ދެމީހަކަށް ގޯތި ދިން މައްސަލައެއް ފަޅާއަރައިފިއެވެ.
ހުޅުދޫން ވާހަކަ ދެއްކި މީހަކު ބުނީ ދެމީހަކަށް ގޯތި ދީގެން އުޅެނީ ހުޅުމީދޫ ވަތަނިއްޔާ ހަޓުގެ އުތުރުން ކަމަށެވެ. އަދި އޭނާ ބުނީ މިއަމަލަކީ ހުޅުމީދޫ އޮފީސް ހިންގުމާއި ހަވާލުވެ ތިބިފަރާތުން އެމީހުން ބޭނުންމީހަކަށް ބިންދިނުމަށް ހިންގާފައިވާ އަމަލެއް ކަމަށެވެ.
މިކަމާއި ގުޅޭ ގޮތުން ހުޅުމީދޫ އަވަށު ބޯޑު ހިންގުމާއި ހަވާލުވެ ހުންނެވި އިބްރާހިމް ދީދީ ވިދާޅުވީ އެ ސަރަހައްދުން އެއްވެސް މީހަކަށް ގޯތި ދޫކޮށްފައި ނުވާ ކަމަށާއި އެއީ ފޭކް ވާހަކައެއް ކަމަށެވެ.
އިބްރާހިމް ދީދި ވިދާޅުވީ 2007 ވަނަ އަހަރު ހުޅުދޫން ގޯތި ދޫކުރި އިރު ދޫކުރަން ނިންމާފައިވާ 11 ގޯއްޗެއްގެ ތެރެއިން 9 ގޯތި ދޫކުރެވިފައިވާ އިރު އޭގެ އޭގެ ތެރެއިން 2 ގޯތި އެ ބްލޮކުން ބިން ހަމަނުވެގެން ނުދެވި ވާކަމަށެވެ. އެހެންވެ އެމީހުން ބިން ހޯދުމަށް އެދި ކައުންސިލުގައި އެދެމުން އަންނަކަމަށެވެ.
"އެދައްކާ ވާހަކައަކީ 2007 ވަނަ އަހަރު މިރަށުން ގޯތި ދޫކުރިއިރު ދޫނުކުރެވި ހުރި ދެ ގޯއްޗެއްގެ ވާހަކަ، އެމީހުން ބިން ހޯދުމަށް އެތައް ފަހަރެއްގެ މަތިން އޮފީހަށްވެސް އައިސްފި، ކައުންސިލަށްވެސް އެދެފި. އެބިމެއްގެ ވާހަކަ އެދެކެވެނީ،" އިބްރާހިމް ދީދީ ވިދާޅުވިއެވެ.
ނަމަވެސް ހުޅުދޫ އޮފީހުގެ އިސް އޮފިޝަލަކާއި ހަވާލާދީ އެރަށުގެ ނޫހެއްގައި ބުނެފައިވަނީ އެގޯތި ދޫކޮށްފައިވާ ކަމުގެ ލިއުން ލިބިފައިވާ ކަމަށް އިބްރާހިމް ދީދީ ބުނެފައިވާކަމަށެވެ. އަދި ބިން ދޫކޮށްފައިވަނީ އޭނާ ނޫން ކަމަށާއި ކައުންސިލުން ކަމަށްވެސް ބުނެފައިވާކަމަށެވެ.
ހުޅުމީދޫން ގޯއްޗަށް އެދި ގިނަބަޔަކު ވަނީ ފޯމް ހުށަހަޅާފައެވެ. ނަމަވެސް އަދި މިހާތަނަށް ގޯތި ދޫކުރާނެ ތާރީހެއް ކައުންސިލުން ހާމަކޮށްފައި ނުވެއެވެ.