Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ހިތަދޫގެ ގޭބިސީތަކަށް ލެޑް ލައިޓް ދޫކުރަން ފަށައިފި

ޗައިނާ ސަރުކާރުން ރާއްޖެެެއަށް ހަދިޔާ ކުރި ލެޑް ލައިޓްތައް ހިތަދޫގެ ގޭބިސީތަކަށް ދޫކުރުމުގެ މަސައްކަތް ފެނަކަ ހިތަދޫ ބްރާންޗުން ފަށައިފިއެވެ. ލެޑް ލައިޓްތައް ދޫކުރަނީ، ހިތަދޫގައި ހުންނަ ފެނަކަ ކަސްޓަމަރ ސަރވިސް ސެންޓަރުންނެވެ.

ފެނަކަ ހިތަދޫ ބްރާންޗުން މައުލޫމާތު ދެއްވާ ގޮތުގައި، ގޭބިސީއެއްގެ ވެރިފަރާތުން އައިޑީ ކާޑު ހިފައިގެން އައުމުން ލެޑް ލައިޓްތައް ހަވާލުކުރާނެއެވެ. އަދި ބަދަލުގައި އެހެން މީހަކު އަންނަ ނަމަ ވެރިފަރާތުގެ ސިޓީއެއް ބޭނުންވާނެ ކަމަށެވެ.

ފެނަކަ އިން ބުނީ މިއަދުން ފެށިގެން ކޮންމެ ދުވަހަކު ހެނދުނު 9 އިން ފެށިގެން 12 އަަށް އަދި މެންދުރުފަހު 1 އިން 2 ގެ ނިޔަލަށް ލެޑް ލައިޓް ދޫކުރާނެ ކަމަށެވެ.

އައްޑޫގެ އެހެން އަވަށްތަކަށް ބަލާއިރު، މަރަދޫފޭދޫ ބްރާންޗުން ވަނީ މީގެ ކުރިން ގޭބިސީތަކަށް ލެޑް ލައިޓް ދޫކޮށް ނިންމާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހުޅުދޫ އަދި މީދޫ އަވަށަށް ލެޑް ލައިޓް ދޫކުރާނީ ހުޅުމީދޫ ފެނަކަ ބްރާންޗުންނެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ މިފަހަރު ދޫކުރަނީ ފެންވަރު ރަނގަޅު ލެޑް ލައިޓަށް ވެފައި މި ބޭނުން ކުރުމުގެ ސަބަބުން ކަރަންޓް ހަރަދު ކުޑަވެގެން ދާނެ ކަމަށެވެ.