Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

މުވައްޒަފުންގެ މެދުގައި ތަފާތު ކުރުން ނުގެންގުޅެން އެޗްޕީއެލަށް އަންގައިފި

އެޗްޕީއެލްގެ މުވައްޒަފުންތަކެއް ހިތަދޫ ސަރަހައްދީ ބަނދަރުގައި. ފޮޓޯ: އެޗްޕީއެލް

ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް)ގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ނުގެންގުޅުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަންގައިފިއެވެ.

ޓްރައިބިއުނަލުން މިގޮތަށް އަމުރުކޮށްފައި މިވަނީ، "އަޚްލާޤް ދަށްވެގެން" ކަމަށް ބުނެ ވަޒީފާއިން ވަކިކުރި ހަސަން އަހްމަދު އެޗްޕީއެލް އާއި ދެކޮޅާށް ހުށަހެޅި މައްސަލައިގެ ނިންމުމުގައެވެ.

މިމަހުގެ 14 ވަނަ ދުވަހު ޓްރައިބިއުނަލުން ނިންމާފައި އެޗްޕީއެލް އިން ހަސަން އަހްމަދާއި މެދު އަމަލުކޮށްފައި ވަނީ އެހެން މުވައްޒަފުންނާއި މެދު އަމަލުކުރާ ގޮތާއި ތަފާތުކޮށް ކަމަށެވެ. އަދި އެފަދަ ކަންކަން ތަކުރާރުނުކުރުމަށާއި މުވައްޒަފުންގެ މެދުގައި ހަމަހަމަ އުސޫލަކުން އަމަލުކުރުމަށް އެޗްޕީއެލްގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.

ޓްރައިބިއުނަލުން ކަނޑައަޅާފައި ވަނީ ހަސަން ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ ގޮތުންނާއި އިޖުރާއީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަަމަ ކޮށްފައި ނުވާކަމަށެވެ. އެހެންކަމުން ވަޒީފާ އާ ބެހޭ ގާނޫނާ ޚިލާފަށް ހަސަން ވަޒީފާއިން ވަކިކޮށްފައި ވާތީ ކުރިން އަދާކުރަމުން ދިޔަ ވަޒީފާ އޭނާއަށް ދިނުމަށާއި އެއްވެސްހާލެއްގައި އޭނާ އަކީ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމަށް ނުބެލެވޭނެ ކަމަށް ވެސް ޓްރައިބިއުނަލްގެ އަމުރުގައި ވެއެވެ.

މީގެ އިތުރުން ހަސަން ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން، ވަޒީފާ އަލުން ހަމަޖެހޭ ދުވަހާއި ހަމައަށް މުސާރައާ އިނާޔަތުގެ ގޮތުގައި އޭނާއަށް ލިބެންޖެހޭ ފައިސާ 20 ދުވަހުގެ ތެރޭގައި އޭނާއަށް ދީ ހަލާސްކުރުމަށް ވެސް ވަނީ އަމުރުކޮށްފަ އެވެ.

އެޗްޕީއެލް އިން މިފަހުން ވަޒީފާއިން ވަކިކުރި އެހެން ބައެއް މުވައްޒަފުން ވެސް ހުށަހަޅާފައިވާ މައްސަލަތަކެއް ވެސް ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލްގައި މިހާރު ކުރިއަށް އެބަދެއެވެ.