ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގައި ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތަކާއި އެއްގޮތަށް ރައްޔިތުންގެ މުދަލާއި ފައިސާ ދެފުށް
ފެންނަ ނިޒާމެއްގެ ދަށުން އާންމު ކުރުމެއްނެތި އޮޅުވާލައިގެން މަކަރާއި ހީލަތުން ރައްޔިތުންގެ މާލިއްޔަތު ނިގުޅާގަތުމަކީ އިސްލާމީ ވެރިކަމުގެ އަދުލުވެރި އުސޫލުތަކާއި ދެކޮޅު ކަމެއް ކަމަށް އަދާލަތުން ބުނެފިއެވެ.
އަދާލަތުން މިގޮތަށް ބުނެފައިވަނީ، މިއަދު އެޕާޓީން މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް އަޙުމަދު މުނައްވަރަށް ފޮނުވި ސިޓީއެއްގައެވެ.
އަދާލަތުގެ ނައިބު ރައީސް އަލީ ޒާހިރު ސޮއިކުރައްވައި ފޮނުއްވި ސިޓީގައި ވަނީ ސިޔާސީ މަޤާމުތަކަށް ރައީސުލްޖުމްހޫރިއްޔާ އަައްޔަން ކުރައްވާފައިވާ ފަރާތްތަކާއި ހަވާލުކޮށްފައިވާ ޒިންމާތަކާއި އަދި މުސާރަ އާއި އިނާޔަތް ރައްޔިތުންނަށް އެނގޭނެ ހެން ހާމަކުރުމަށް އެދިފައެވެ.
އަދި ސިޔާސީ މަގާމުތަކަށް އައްޔަންކުރާ ފަރާތްތަކުގެ ކޮރަޕްޝަނާއި ވައްކަމާއި އަދި ނާޤާބިލުކަމާއި ހުރެ ރައްޔިތުންގެ ބޮލުގައި އެތައް ބިލިޔަން ރުފިޔާގެ ދަރަނި އެޅެމުންދާކަން ފާހަގަކޮށް އަދާލަތުން ވަނީ ރައްޔިތުންގެ ފައިސާއިން ކުރާ ހޭދަ ރައްޔިތުންނަށް އެނގޭނެހެން އާންމުކުރުމަށް ވެސް އަދާލަތުން ވަނީ އެދިފައެވެ.
އަދާލަތުގެ ސިޓީގައި އިތުރަށް ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނު އައްޔަންކޮށްފައިތިބޭ ބަޔަކު ޤައުމުގެ މުއްސަނދިކަން ނާޖާއިޒުގޮތުގައި ނިގުޅަމުންދިޔުމަކީ ބޭރުގެ އިސްތިޢުމާރީ ބާރަކުން ޤައުމަށްއަރާ ރައްޔިތުންގެ މާލިއްޔަތު ފޭރިގަތުމާ އެއްވެސް ތަފާތެއްހުރިކަމެއްކަމުގައި ރައްޔިތުން ނުދެކޭނެ ކަމަށެވެ.
"އިހުޒަމާނުގައި މުޅި ދައުލަތަކީ، ރަދުންނާއި ރަދުންގެ ޚާންދާނާއި އަދި ރަދުންގެ އަރިސް ބޭކަލުންގެ ތަރިކަމުދާ ކަމުގައި ބެލެވިފައިއޮތް ގޮތާއި ޚިލާފަށް، ދިވެހިން މިއަދު ބަލައިގަނެ އެއަށް ޤާނޫނުއަސާސީގެ ތެރެއިން ޤާނޫނީ ބާރުވެރިކަން ދީފައިވާ ވެރިކަންހިންގުމުގެ ނިޒާމުގައި ދައުލަތުގެ މާލިއްޔަތާއި އަދި މުއްސަނދިކަމަކީ ސީދާ ރައްޔިތުންގެ މިލްކެކެވެ."
ދައުލަތުގެ ޚަރަދު ބަރަދު ބެލެހެއްޓުމުގެ ފުރިހަމަ ޒިންމާ އެޅިފައިވަނީވެސް ހަމަ ރައްޔިތުންގެ ބޮލުގައި ކަން ފާހަގަކޮށް އަދާލަތުން ބުނެފައިވަނީ ޑިއުޓީ އާއި ޓެކްސްގެ ގޮތުގައި ދައުލަތް ހިންގުމަށް ކޮންމެ ދުވަހަކުވެސް ރައްޔިތުން އެތައް ހޭދައެއް ކުރާ ކަމަށެވެ.
މިގޮތުން 2018 ވަނަ އަހަރު ރައްޔިތުންގެ އަތުން 16.3 ބިލިއަން ރުފިޔާ ހަމައެކަނި ޓެކްސްގެ ގޮތުގައި ނަގާނެކަމަށް 2018 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަން އަދާލަތުގެ ސިޓީގައި ވަނީ ފާގަކޮށްފައެވެ.
ޢަދާލަތުގެ ސިޓީގައި ބުނެފައިވަނީ އެޕާޓީގެ ކަންބޮޑުވުމަކީ، ގޮތްނޭނގޭ އެކިއެކި ނަންނަމުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ސިޔާސީ މަޤާމުތަކުގެ އަދަދު ހާހުން ގުނެމުންދާއިރު އެ މަޤާމުތަކާއި އަދި އެ މަޤާމުތަކަށް އައްޔަންކޮށްފައިވާ މީހުންނާއި އެމީހުންގެ މައްސޫލިއްޔަތުތަކާއި އަދި އެފަރާތްތަކުގެ މުސާރައަށް ރައްޔިތުންގެ ފައިސާއިން ކުރަނީ ކިހާ ޚަރަދެއްކަން އެނގެން ނެތުމެވެ