މި ސަރުކާރަކީ ހަރުދަނާ އިގްތިސާދީ ސިޔާސަތެއް އޮތް ތަންދޮރު ދަންނަ ސަރުކާރެއްކަމަށް ފިނޭސްސް މިނިސްޓަރ އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ބަޖެޓް ދިރާސާ ކޮމެޓީގައި މެމްބަރުން ކުރެއްވި ސުވާލުތަަކަށް ޖަވާބު ދެއްވަމުން މުނައްވަރު ވިދާޅުވީ މި ސަރުކާރަކީ އިގްތިސާދީ ތަސައްވުރު އެނގި ތަންދޮރު ދަންނަ ސަރުކާރެއް ކަމަށެވެ. އެގޮތުން ރައީސް އަބްދުﷲ ޔާމީނަކީ މުސްތަގްބަލަށް ވިސްނަވައިގެން މަސައްކަތް ކުރައްވާ ލީޑަރެއް ކަމަށް މުނައްވަރު ވިދާޅުވިއެވެ.
މުނައްވަރު ވިދާޅުވީ މި ސަރުކާރުން މިހާތަނަށް 4 ބިލިއަން ރުފިޔާގެ ދަރަނި އަދާކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ޓެކްސް ގަވާއިދުތައް ހަރުދަނާކޮށް އަންނަ އަހަރު 700 މިލިއަން ރުފިޔާ ދައުލަތަށް ހޯދާނެކަމަށް މުނައްވަރު ވިދާޅުވިއެވެ.
މުނައްވަރު ވިދާޅުވީ ކުރީ ސަރުކާރުގެ 2009 އިން 2013އަށް ދަރަނީގެ މިންވަރު 14 ބިލިއަނަށް އަރާއިރު ޕީއެސްއައިޕީއަށް ހަރަދުކުރެއްވި އަދަދު 9 ބިލިއަނަށްވެސް ނާރާކަމަށެވެ. ނަމަވެސް މި ހަތަރު އަހަރު ތެރޭގައި މިހާރުގެ ސަރުކާރުން 18 ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގާފައިވާ ކަމަށެވެ.
މުނައްވަރު ވިދާޅުވީ އެހެންވެ ދަރަނީގެ ވާހަކަ ދެއްކުން މުހިއްމެއް ނޫންކަމަށެވެ. ސަރުކާރުގެ ދަރަނި މިއަހަރު ނިމޭއިރު 43 ބިލިއަނަށް އަރާއިރު އަންނަ އަހަރުގެ ނިޔަލަށް އެ އަދަދު 49 ބިލިއަނަށް މަތިވާނެކަމަށް މުނައްވަރު ވަނީ ވިދާޅުވެފައެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ސަރުކާރުން މަޖްލިސްއަށް ހުށަހެޅި އިރު މިހާރު އަގުބޮޑުކޮށް ވިއްކަމުން އަންނަ ކާޑާއި ކަރަންޓްގެ އަގު ހެޔޮ ކުރުމަށް ވަނީ ހިމަނާފައެވެ. އޭގެ ބަދަލުގައި ޓެކްސްއަށް ބަދަލު ގެނައުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.