މެންޗެސްޓާ ޔުނައިޓެޑު ޓީމުން އަނިޔާވެ ކުޅުމާއި ދުރުގައި ތިބި މުހިންމު ތިން ކުޅުންތެރިން ކަމަށްވާ ޕައުލް ޕޮގްބާ، ޒަލްޓަން އިބްރަހިމޮވިޗް އަދި މާކޮސް ރޯހޯ އަނިޔާއިން ސަލާމަތްވެ ފުލް ޓީމާއި ބައިވެރިވެފައިވާ ކަމަށް ކޯޗު މޮރީނިއޯ ބުނެފިއެވެ.
މާދަމާ ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މޮރީނިއޯ ދިން ޕްރެސް ކޮންފަރެންސުގައި ބުނެފައިވަނީ ތިން ކުުޅުންތެރިންވެސް މާދަމާ މެޗުން ފެންނާނެ ކަމަށެވެ.
ގަބޫލުކުރެވޭ ގޮތުގައި އެހާ ގިނަ ދުވަހު ކުޅުމާއި ދުރުގައި ހުރުމަށްފަހު ތިން ކުޅުންތެރިންނަށްވެސް މޮރީނިއޯ ފުރުސަތު ދޭނީ ބެންޗުންނެވެ. ނަމަވެސް މެންޗެސްޓާ ޔުނައިޓެޑު ސަޕޯޓަރުން އަންނަނީ ކުޅުންތެރިން އެނބުރި އައުމުން އުފާ ފާޅު ކުރަމުންނެވެ.
މިދިޔަ ސީޒަނުގައި އިބްރަހިމޮވިޗް އަދި ރޯހޯއަށް އަނިޔާވެފައިވާއިރު ޕޮގްބާ އަށް އަނިޔާވެފައިވަނީ މިސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައެވެ.
ޕޮގްބާ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުންނަން ޖެހުމުން ޔުނައިޓެޑަށް ވަނީ ވަރަށް ބޮޑަށް އޭގެ ނޭދެވޭ އަސަރުކޮށްފައެވެ. މިއަދުގެ ނޫސްކޮންފަރެންސުގައި މޮރީނިއޯވެސް ވަނީ ޕޮގްބާ ކުޅުމާއި ދުރަށް ޖެހުމުން އެހެން މެންޗެސްޓާ ޔުނައިޓެޑެއް ފެނިގެން ދިޔަ ކަމަށް ބުނެފައެވެ.