Last Updated: May 16, 19:20
Thursday, May 16, 2024
ޚަބަރު

ފުލުހުން ސްކޫލްތަކަށް ކުރެހުމުގެ މުބާރާތެއް ހުޅުވާލައިފި

ކުށް މަދު އަމާން މުޖުތަމަޢެއް ބިނާ ކުރުމަށް މަގުފަހި ކުރުމުގެ ގޮތުން ކުށުން ދަފަރާ ކުރުމުގެ މަޤްޞަދުގައި ރާއްޖޭގެ ހުރިހާ ސްކޫލުތަކަށް ހުޅުވާލައިގެން ކުރެހުމުގެ މުބާރާތެއް ބާއްވަން ފުލުހުންގެ އިދާރާ އިން ނިންމައިފި އެވެ.

"ވަން ކޮމިއުނިޓީ އާޓް ކޮމްޕެޓިޝަން" ގެ ނަމުގައި ބާއްވާ މި މުބަރާތް މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދަން ވަނީ ހަމަޖެގިފަ އެވެ.

ތިން ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކުރެހުމުގެ މުބާރާތުން ކޮންމެ ކެޓަގަރީއަކުން ވެސް 1 ވަނ 2 ވަނަ އަދި 3 ވަނަ އަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މުޅިމުބާރާތުން 1 ވަނަ، ދެވަނަ އަދި ތިން ވަނައަށް ހޮވޭ ދަރިވަރުންނަށް ވެސް ފައިސާގެ އިނާމެއް ވެސް ދޭން ވަނީ ހަމަޖެހި ފައެވެ.

މިކު ރެހުމުގެ މުބާރާތުގައި ތިން ކެޓަރީއެއް ހިމެނޭއިރު، ކެޓަގަރީ 1 ގައި ބައިވެރިވެވޭނީ ޔޫކޭޖީ، ގްރޭޑް 1،2،އަދި 3 ގެ ދަރިވަރުންނަށެވެ. ކެޓަގަރީ 2 ގައި ބައިވެރިވެވޭނީ ގްރޭޑް 4،5،6 އަދި 7 ގެ ދަރިވަރުންނަށެވެ. އަދި ކެޓަގަރީ 3 ގައި ބައިވެރިވެވޭނީ ގްރޭޑް 8،9،10،11، އަދި 12 ގެ ސްކޫލު ތަކުގެ ދަރިވަރުންނަށެވެ.

ކްރައިމް ޕްރިވެންޝަން، އަ ޝެއާޑް ރެސްޕޮންސިބިލިޓީ" ޝިޔާރަށް ތައްޔާރު ކުރެވޭ ކުރެހުންތައް ހުންނަން ޖެހޭނީ އޭ 3 ސައިޒަށެވެ. މި މުބާރާތުގައި ތަފާތު މީޑިއަމްތަކުގެ ކުރެހުންތައް ބައިވެރިކުރެވޭ އިރު މި މީޑިއަމްތަކުގެ ތެރޭގައި އިލަސްޓްރޭޝަން އާޓްސް، ކޮންޓެމްޕްރޮރީ އާޓްސް، ސިމްޕަލް ޑްރޯވިންގ ނުވަތަ ޕެއިންޓް އާޓްސް، ޑިޖިޓަލް އާޓްސް ފަދަ މިޑީއަމްތަކުގެ ކުރެހުންތައް ބައިވެރިކުރެވިދާނެއެވެ.

މި މުބާރާތުގައި ބައިވެރިކުރާ ކުރެހުންތައް ހުށަހަޅަން ޖެހޭ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ 7 ވަނަ ދުވަހު ނިޔަލަށެވެ. ކޮންމެ ދަރިވަރަކު ވެސް އެދަރިވަރަކު ބައިވެރިކުރާ ކުރެހުން ހުށަހަޅަން ޖެހޭނީ އެ ދަރިވަރަކު ތަޢްލީމް ޙާސިލް ކުރަމުންދާ ސްކޫލަށެވެ.

އަދި ކުރެހުންތައް އެންމެ ކައިރި ޕޮލިސް ސްޓޭޝަނަކަށް ވެސް ހުށަހެޅިދާނެ އެވެ. ދަރިވަރުންގެ ކުރެހުންތައް ހުށަހަޅާ އިރު ކުރެހުމުގެ ފަހަތުގައި ނަމާއި އައިޑީ ކާޑު ނަންބަރާއި އެޑްރެސް އަދި ގުޅޭނެ ނަންބަރެއް ލިޔެފައި ހުންނަންވާނެ އެވެ.

މުބާރާތުގައި ބައިވެރިކުރާ ޑިޖިޓަލް ކުރެހުންތައް މެއިލް މެދުވެރިކޮށް ވެސް ހުށަހެޅިދާނެ އެވެ. މިފަދަ ކުރެހުންތައް މެއިލްކުރާ ނަމަ މެއިލް ކުރާނީ ޖޭޕީޖީ ފޯމެޓްގަ އެވެ. އަދި ޑިޖިޓަލް ކުރެހުންތައް މެއިލްކުރާނީ pad.admin@police.gov.mv އަށެވެ.

"ވަން ކޮމިއުނިޓީ އާޓް ކޮމްޕެޓިޝަން" ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކުރެހުމުގެ މުބާރާތާ ގުޅޭ އިތުރު މަޢުލޫމާތު 9888011 ނަންބަރުން ލިބޭނެ އެވެ.