Last Updated: June 16, 20:09
Tuesday, June 16, 2026
ޚަބަރު

"ތަރައްގީގެ ބާނީ" އަކީ ޔާމީނަށް ހައްގު ލަގަބެއް ނޫން: އަމީން

ރައީސް އަބްދުﷲ ޔާމީނަކީ ދިވެހި ރާއްޖޭގެ ތަރައްގީގެ ބާނީ ނޫން ކަމަށާއި އެއީ އެމަނިކުފާނަށް ހައްގުވެގެންވާ ލަގަބެއް ނޫން ކަމަށް ޖޭޕީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

އަމީން ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ސަޕޯޓަރުން ޕޯޑިއަމްތަކަށް އަރައި ކިތަންމެ ބާރަށް އެމަނިކުފާނަކީ ތަރައްގީގެ ބާނީ ކަމަށް ބުނި ނަމަވެސް އެކަން ގަބޫލުކުރާނެ ބަޔަކު ނެތް ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމަށް މިއަދު ހަތަރު އަހަރު ފުރިފައިވާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ އެކި މަޝްރޫއުތައް ފަށައި، ދައުރު ނިމުމުގެ ކުރިން މަސައްކަތް ނިންމުމަށް ސަރުކާރުން ދަނީ ގަދަ އަޅައި މަސައްކަތް ކުރަމުންނެވެ.

އެގޮތުން އެކަން ކުރުމަށް އަންނަ އަހަރަށް ފިނޭންސް މިނިސްޓްރީން ވަނީ ރެކޯޑު 27.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައެވެ.

ރައީސް ޔާމީންގެ ވެރިކަމަށް ހަތަރު އަހަރު ފުރިފައިވާއިރު ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން އަންނަނީ އަންނަ ދައުރުގައިވެސް ރާއްޖޭގެ ވެރިކަމަށް އެންމެ ބޮޑަށް ކުފޫ ހަމަވާ ލީޑަރަކީ ރައީސް ޔާމީން ކަމަށްބުނެ އެމަނިކުފާނަށް ވޯޓު ދިނުމަށް ގޮވާލަމުންނެވެ.

ނަމަވެސް އިދިކޮޅު ފަރާތްތަކުން ވަނީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށްފަހު ރައްޔިތުންގެ އަނދަވަޅަކަށް "ވައްޓާލާފައިވާ" ކަމަށް ބުނެ ރައީސަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.