ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް ނިކުމެފައިވާ އިދިކޮޅު އިއްތިހާދުގެ ތެރޭގައި އެއްވެސް ގުޅުމެއް ނެތް ކަމަށާއި، ހުރިހާ ލީޑަރުންވެސް ބޭނުންވެގެން އުޅެނީ ވެރިކަން ކަމަށް ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
ރޭ ރައީސް ޔާމީންގެ ވެރިކަމަށް ހަތަރު އަހަރު ފުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވަނީ އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އިދިކޮޅު ލީޑަރުން އިންތިގާލީ ކެންޑިޑޭޓެއް ނެރޭނެ ކަމަށް ބުނި ނަމަވެސް އެކި ބޭފުޅުން އެކަމާއި ގުޅިގެން ދައްކަވާ ވާހަކަ ތަފާތުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެއް ބޭފުޅަކު އިންތިގާލީ ކެންޑިޑޭޓުގެ ދައުރަކީ އެއް އަހަރު ކަމަށް ވިދާޅުވާއިރު އަނެއް ބޭފުޅަކު ވިދާޅުވަނީ އެ ކެންޑިޑޭޓުގެ ދައުރު ހަތަރު އަހަރަށް ދިގު ކުރަން ޖެހޭނެ ކަމަށާއި އަނެއް ބޭފުޅަކު ވިދާޅުވަނީ އިންތިގާލީ ކެންޑިޑޭޓުގެ ވާހަކަ ދައްކަން އަދި މާ އަވަސް ކަމަށް ބުނެ ޚިޔާލު ތަފާތުވުންތައް އުފެދިފައިވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ސަރުކާރުން ގެނެސްދޭ ތަރައްގީ ގަބޫލުނުކުރެވި އިދިކޮޅު ފަރާތްތަކުން އެމަނިކުފާނޭ ކިޔާފައި ދައްކަވާ ވާހަކަތަކަށް ފާޑު ވިދާޅުވަމުން އަދުރޭ ވިދާޅުވެފައިވަނީ 2020 ވަނަ އަހަރު އަންނަން ވާ އިރަށް ދައުލަތް ދަރައި ބިކަވެދާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަނީ ދުނިޔޭގެ މާލީ އިދާރާތަކުން ނެރޭ ރިޕޯޓުތައް ނުބަލާ ކަމަށާއި އެއިން ދައްކާ ގޮތުގައި ރާއްޖޭގެ އިގްތިސޯދު ކުރިއަރަމުންދާ ކަމަށް އަދުރޭ ވިދާޅުވިއެވެ.
އަދި އެމްޑީޕީ ސަރުކާރުގައި ދައުލަތުގެ ކުންފުނިތައް ހާލުގައި ޖެހި، ބަނގުރޫޓުވާ ހިސާބަށް ދިޔަ ކަމަށާއި ނަމަވެސް މިސަރުކާރުގައި ދައުލަތުގެ ކުންފުނި ތަކަކީ ފައިދާވާ ކުންފުނިތަކަށް ހަދާފައިވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.