ސައުދީ އަރަބިއްޔާއަށް ވަޑައިގަތުމަށްފަހު މަގާމުން އިސްތިއުފާ ދެއްވި ލުބުނާނުގެ ބޮޑުވަޒީރު، ސައުދުލް ހަރީރީ ސައުދީ އަރަބިއްޔާއިން ފުރާވަޑައިގެންފިއެވެ.
ހަރީރީގެ އާއިލާގެ އަމިއްލަ ޓީވީ ޗެނެލަކުން މިކަން ކަށަވަރުކޮށްދީފައިވާއިރު ހަރީރީ ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވީ ސައުދީއަށް ވަޑައިގަތުމަށްފަހު މިމަހުގެ 4 ވަނަ ދުވަހުގައެވެ.
އަދި އޭނާ އިސްތިއުފާ ދިނުމަށްފަހު ސައުދީއިން ފުރާވަޑައިނުގަނެވި ހުރީ އެގައުމުގައި "ބަންދުވެފައި" ކަމަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ. ސައުދީގެ ވަލީއުލްއަހުދު މުހައްމަދު ބިން ސަލްމާން އޭނާ އިސްތިއުފާ ދިނުމަށް މަޖުބޫރު ކުރުވީ ކަމަށްވެސް ބޭރުގެ މީޑިޔާތަކުގައި ވަނީ އަޑުފެތުރިފައެވެ.
ޖަރުމަނުވިލާތުން ސައުދީއަށް މިފަދަ ތުހުމަތުތަކެއް އަމާޒުކުރުމުން ސައުދީން ވަނީ ޖަރުމަނުގައި ހުންނެވި ސައުދީގެ ސަފީރު އަނބުރާ ގައުމަށް ގެނެސްފައެވެ.
ހަރީރީ އިސްތިއުފާ ދިން ނަމަވެސް ލުބުނާނުގެ ރައީސް ވަނީ އޭނާގެ އިސްތިއުފާ ބޭރު ގައުމެއްގައި ހުރެ ފޮނުވުމުން ގަބޫލުކުރަން ދެކޮޅު ހަދާފައެވެ.