އިނގިރޭސިވިލާތާއި ޖަރުމަނު ބައްދަލުކުރި އެކުވެރިކަމުގެ މެޗުގައި މެންޗެސްޓާ ޔުނައިޓެޑުގެ ޑިފެންޑަރު، ފިލް ޖޯންސް މުޅިން ފިޓު ނުވަނީސް ކުޅުވުމުން ޔުނައިޓެޑުގެ ކޯޗު ޖޯސޭ މޮރީނިއޯ އިނގިރޭސި އެފްއޭއަށް ފާޑުކިޔައިފިއެވެ.
މޮރީނިއޯ ބުނެފައިވަނީ ޖޯންސް މެޗަށް އެރުވީ އޭނާގެ ފަޔަށް ހަ ޕެއިންކިލާ އިންޖެކްޓު ކުރުމަށްފަހުގައި ކަމަށެވެ. ނަމަވެސް މެޗުގެ 25 ވަނަ މިނެޓުގައި އަނިޔާގެ ސަބަބުން ޖޯންސްއަށް ވަނީ އަނިޔާވެ ކުޅުން ކުރިއަށް ނުގެންދެވޭނެ ކަން އެންގުމުން ބަދަލުކޮށްފައެވެ.
މޮރީނިއޯ އިތުރަށް ޕްރެސް ކޮންފަރެންސުގައި ވާހަކަ ދައްކަމުން ބުނެފައިވަނީ އޭނާ މެނޭޖަރުކަން ކުރާތާ 17 އަހަރު ވެފައިވާ ކަމަށާއި ދުވަހަކުވެސް ކުޅުންތެރިޔެއްގެ ގަޔަށް އިންޖެކްޝަން ޖަހައިގެން އެކުވެރިކަމުގެ މެޗެއްގައި ކުޅުވާފައިނުވާ ކަމަށެވެ.
"އޮފިޝަލް މެޗެއް، މުހިންމު މެޗެއްގައި ކުޅުންތެރިން އެބަތިބި ކުޅުވާފައި އިންޖެކްޝަން ޖަހައިގެން. އެކަމަކު އެކުވެރިކަމުގެ މެޗެއްގައި ކުޅުންތެރިޔެއްގެ ގަޔަށް ހަ އިންޖެކްޝަން ޖަހައިގެން ކުޅުވި އަޑެއް ދުވަހަކުވެސް ނާހަން. ޖޯންސްގެ ގަޔަށް ހަ އިންޖެކްޝަން ޖެހުމަށްފަހު އޭނާ ކުޅެން ނެރުނީ. 25 މިނެޓު ފަހުން އޭނާއަށް އަނިޔާވެ ނުކުޅެވުނު. މާދަމާގެ މެޗަށްވެސް އޭނާއަށް ނޭރޭނެ." މިއަދު ކުޅޭ ނިއުކާސަލް މެޗުގެ ކުރިން ދިން އިންޓަވިއުގައި މޮރީނިއޯ ބުނެފައިވެއެވެ.
ދިގު އިންތިޒާރަކަށްފަހު މިދިޔަ ސީޒަނުގައި އަނިޔާވި ޑިފެންޑަރު މާކޮސް ރޯހޯ އަދި އިބްރަހިމޮވިޗާއި މިސީޒަނުގެ ކުރީކޮޅު އަނިޔާވި ޕޮގްބާ މާދަމާގެ މެޗުން ފެންނާނެ ކަމަށް މޮރީނިއޯ ވަނީ ބުނެފައެވެ.