ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ މަގާމު ގެއްލިފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި ހައްޔަރުކޮށްފައިވާ ދިއްގަރު ދާއިރާގެ މެމްބަރު، އަހުމަދު ފާރިސް މައުމޫންގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށައަޅައިފިއެވެ.
ފާރިސްގެ ފަރާތުން މިމައްސަލަ ހުށައަޅާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. ދައުވާ ކުރަނީ ފާރިސް ބަންދުގައި ހުއްޓާ މަޖިލީހުގެ ޖަލްސާތަކަށާއި ކޮމިޓީ ބައްދަލުވުންތަކަށް ހާޒިރުނުކުރާ މައްސަލައިގައެވެ. މިމައްސަލާގައި މަސީހުގެ އިތުރުން މަޖިލީހުގެ އަމީން އާންމު، އަހުމަދު މުހަންމަދާއި ދެކޮޅަށްވެސް ފާރިސްގެ ވަކީލުން ވަނީ މައްސަލަ ހުށައަޅާފައެވެ.
ދައުވާގައި ފާރިސް ވަނީ ކުށެއް ސާބިތުނުވާ ހިނދަކު މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީ ބައްދަލުވުންތަކަށް އޭނާ ހާޒިރުވެ ހުރުމަކީ އޭނާއަށް ލިބިފައިވާ ހައްގެއް ކަމަށާއި އެހައްގުން މަހްރޫމް ވެފައިވާތީ ޝާމިލުވާ ފަރާތްތަކަށް ދައުވާ ކުރުމަށް ހުށައަޅާފައިވެއެވެ.
މީގެ އިތުރުން ފާރިސްގެ ޣައިރު ހާޒިރުގައި ބާއްވާފައިވާ މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީ ބައްދަލުވުންތަކުގައި ނިންމި ނިންމުންތަކަކީ ބާތިލު ނިންމުންތަކެއް ކަމުގައި ކަނޑައަޅައި ދިނުމަށްވެސް ފާރިސްގެ ވަކީލުން ވަނީ ދައުވާގައި އެދިފައެވެ.
ރިޝްވަތުގެ ތުހުމަތުގައި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އޭނާ ދިރިއުޅުއްވަމުން ގެންދިޔަ އެޕާޓްމެންޓުން ހައްޔަރުކޮށްފައިވަނީ ޖުލައި މަހުގެ 18 ވަނަ ދުވަހުގައެވެ. ފާރިސްއާ ދެކޮޅަށް އެޕާޓްމެންޓުން ހެކި ހޯދާފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް އަދިވެސް ކޯޓުގައި ހެއްކެއް ހުށައަޅާފައިނުވެއެވެ.