މަޝްހޫރު ޓެނިސް ކުޅުންތެރިޔާ އޭނާގެ ލޯބިވެރިޔާ ކަމަށްވާ ރެޑިޓްގެ ކޯ-ފައުންޑަރ އެލެކްސިސް އޮހާނިއަން އާއި ކައިވެނިކޮށްފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ހުކުރު ދުވަހުގެ ރޭ ވޯގް މެގަޒިންގެ ރަސްމީ ވެބްސައިޓްގައި ޝާއިރުކޮށްފައިވާ ރިޕޯޓެއްގައި ވާގޮތުން ސެރީނާ އާއި އެލެކްސިސް ކައިވެނި ކުރީ ނިއު އޯލީންސްގެ ކޮންޓެމްޕޮރަރީ އާޓްސް ސެންޓަރުގަ އެވެ.
މީގެ އިތުރުން ވޯގް އިން ރިޕޯޓް ކުރާ ގޮތުގައި އެ ކައިވެނީގެ ހަފްލާގައި ބައިވެރިވި ތަރިންގެ ތެރޭގައި ބިޔޯންސޭ އާއި ކިމް ކާޑޭޝިއަން ވެސްޓް ވެސް ހިމެނެއެވެ.
އުމުރުން 36 އަހަރުގެ ސެރީނާ ވަނީ 23 ގްރޭންޑް ސްލޭމް ސިންގަލްސް ކާމިޔާބު ކޮށްފައެވެ.
ސެލީނާ އާއި އޮހާނިއަން އެންގޭޖް ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އަދި މި އަހަރުގެ ސެޕްޓެމްބަރު 1 ގައި ސެރީނާ އާއި އޮހާނިއަންގެ ފުރަތަމަ ދަރިފުޅު ކަމުގައިވާ އެލެކްސިސް އޮލިމްޕިއާ އޮހާނިއަން ވަނީ އުފަންވެފަ އެވެ.
މި އަހަރު ޖެނުއަރީ މަހުގެ ތެރޭގައި ބޭއްވި އޮސްޓްރޭލިއަން އޯޕެން މުބާރާތް ކާމިޔާބު ކުރުމަށްފަހު ސެރީނާ އެހެން މުބާރާތެއްގައި ބައިވެރިވެފައި ނުވެއެވެ.
ދެން އެންމެ އަވަހަށް ސެރީނާ ޓެނިސްގެ މައިދާނުން ފެނިގެންދާނީ އަންނަ އަހަރުގެ ޖެނުއަރީ ގައި ބާއްވާ އޮސްޓްރޭލިއަން އޯޕެން މުބާރާތުންނެވެ.