Last Updated: June 28, 23:21
Sunday, June 28, 2026
ދުނިޔެ

17 އަހަރުގެ ކުއްޖަކު ގޭންގް ރޭޕްކޮށްފި

ރޭޕްއާއި ދެކޮޅަށް ތައްޔާރު ކުރެވިފައިވާ ޕޯސްޓަރެއް - ފޮޓޯ: ދަ އިންޑިއަން އެކްސްޕްރެސް

އިންޑިއާގެ ދެކުނުގައި އޮންނަ ބެންގަލޫރު ސިޓީގައި 17 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި ހަތަރު ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.

ތުހުމަތު ކުރެވޭ ގޮތުގައި އެ އަންހެން ކުއްޖާ ހޮޓަލެއްގެ ކޮޓަރިއެއް ތެރޭގައި ބަންދުކޮށް 10 ދުވަހުގެ މުއްދަތަކަށް ވަނީ އެކި ފަހަރު މަތިން ރޭޕްކޮށްފަ އެވެ.

މިމައްސަލައިގައި ތުހުމަތުކުރެވޭ ހަތަރު ފިރިހެނުން ވަނީ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އެމީހުންގެ ތެރޭގައި އެ ހޮޓަލުގެ މެނޭޖަރު ވެސް ހިމެނެއެވެ.

ފުލުހުން ބުނާ ގޮތުގައި ހައްޔަރު ކުރެވުނު ފިރިހެނުންގެ ތެރޭގައި އެކުއްޖާގެ ރަހުމަތްތެރިއެއް ވެސް ހިމެނެއެވެ. އެގޮތުން އޭނާ ވަނީ ޕާޓީއަކަށް ދިއުމުގެ ބަހަނާ ދެއްކުމަށްފަހު އެކުއްޖާ ގޮވައިގެން އެ ހޮޓަލަށް ގޮސްފައެވެ.

އެނގިފައިވާ ގޮތުގައި އެކުއްޖާ ގެއިން ނިކުތީ 26 އޮކްޓޯބަރުގަ އެވެ. އަދި އެކުއްޖާ ނުފެނިގެން އޭނާގެ މައިންބަފައިން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ 30 އޮކްޓޯބަރުގަ އެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ ހަތަރު ފިރިހެނުންގެ މައްޗަށް ކުޑަކުއްޖަކު ކިޑްނެޕްކޮށް ރޭޕްކުރި ކަމުގެ މައްސަލަ ވަނީ ރަޖިސްޓްރީ ކުރެވިފައެވެ.

2012 ވަނަ އަހަރު އިންޑިއާގެ ދިއްލީގެ ބަހެއްގެ ތެރޭގައި 23 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް މަރާލި މައްސަލައަށް ފަހު ޖިންސީ ގޯނާއަށް ދޭ އަހައްމިއްޔަތުކަން ވަނީ އިތުރުވެފަ އެވެ.

އެގޮތުން އެ ހާދިސާއަށްފަހު އިންޑިއާގެ ސަރުކާރުން ވަނީ އެންޓި-ރޭޕް ޤާނޫންތައް އިތުރަށް ވަރުގަދަކޮށް، އެފަދަ މައްސަލަތަކުގައި މަރުގެ އަދަބު ދެވޭގޮތް ވެސް ހަދާފަ އެވެ.

އެހެންނަމަވެސް އަދިވެސް އިންޑިއާގެ އެކި ހިސާބުތަކުން އަންހެނުންނާއި ކުޑަކުދިންނާއި ދެކޮޅަށް ޖިންސީ އަނިޔާކުރުމުގެ މައްސަލަތަކުގެ ރިޕޯޓްތައް ކުރެވެއެވެ.