އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް އަދި ޓޮޓެންހަމް ހޮޓްސްޕާސް ބައްދަލުކުރި އުތުރު ލަންޑަން ޑާބީ 0-2 އިން އާސެނަލް ކާމިޔާބުކޮށް، ސްޕާސްއަށް ފެންވަރު ދައްކާލައިފިއެވެ.
ސްޕާސް ޓީމަށް ކޭން އަދި ޑެލޭ އަލީ ވަނީ މެޗުގެ ކުރިން އަނިޔާއިން ސަލާމަތްވެ އެނބުރި އައިސްފައެވެ. ނަމަވެސް އާސެނަލްއަށް ވަނީ އަނިޔާގެ ސަބަބުން ޖިރޫޑު ގެއްލިފައެވެ.
މެޗުގައި ފެނިގެން ދިޔަ ދެ ލަނޑުވެސް ފުރަތަމަ ހާފުގައި ފެނިގެން ގޮސްފައިވާއިރު ދެލަނޑުވެސް ފެނިގެން ގޮސްފައިވަނީ ހާފު ނިމެން ކައިރި ވެފައިވަނިކޮށެވެ.
ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި އޮޒިލް ހުރަސްކުރި ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލީ ޑިފެންޑަރު މުސްތާފީއެވެ. ދެވަނަ ލަނޑު ޖަހާފައިވަނީ ލަކަޒެޓްގެ ހުރަހަކުން އެލެކްސިސް ސަންޗޭޒްއެވެ.
މެޗުގައި ސްޕާސްގެ މުހިންމު ކުޅުންތެރިންގެ ފަރާތުން އެދެވޭ ކުޅުމެއް ފެނިގެން ގޮސްފައެއް ނުވެއެވެ. ސްޕާސް ވަނީ އެންމެ ފަހަކަށް ކުޅުނު ދެ އެވޭ މެޗުންވެސް ބަލިވެފައެވެ.