Last Updated: April 16, 20:04
Tuesday, April 16, 2024
ޚަބަރު

އުރްދުޣާން ދުޝްމަނަކަށް ހެދި މައްސަލަ ހޫނުވެއްޖެ

ނޭޓޯގެ އަސްކަރީ ޑްރިލްއެއްގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ދުޝްމަނުންގެ ޗާޓުގައި ހިމަނާފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިހާރު ނޯވޭގައި ކުރިއަށްދާ މި އަސްކަރީ ޑްރިލްގައި ރައީސް އުރުދުޣާންގެ އިތުރުން ތުރުކީގެ ބާނީ މުސްތަފާ ކަމާލްވެސް ހިމަނާފައިވަނީ ދުޝްމަނުންގެ ޗާޓުގައި ކަމަށްބުނެ ރައީސް އުރުދުޣާންވަނީ ވެރިކަންކުރާ އޭކޭ ޕާޓީ މެމްބަރުންނާ މުހާތަބުކޮށް ނޭޓޯއަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ.

އުރުދުޣާން ހިތްހަމަނުޖެހުން ފާޅުކޮށް ވިދާޅުވެފައިވަނީ އިއްތިހާދުގެ ބައިވެރިންނަކީ މިފަދަ އަމަލުތައް ކުރަންޖެހޭ ބައެއް ނޫންކަމަށާއި ، އެއީ ބަލައިގަނެވޭނެ ކަންކަން ނޫންކަމަށެވެ.

އަދި މިގޮތަށް އަމަލުކޮށްފައިވުމުގެ ސަބަބުން ނޭޓޯގެ މިއަސްކަރީ ޑްރިލްގައި ބައިވެރިވި ތުރުކީގެ 40 ސިފައިން އަނބުރާ ގައުމަށް ގެނެސްފައިވާނެކަމަށް އުރުދުޣާން ވިދާޅުވެފައިވެއެވެ. ތުރުކީގެ ފަރާތުން ބައިވެރިވި ސިފައިން އަނބުރާ ގައުމަށް ގެނެސްފައިމިވަނީ އަސްކަރީ ފަރިތަކުރުންތައް ކުރިއަށް ދަނިކޮށެވެ.

އުރުދުޣާން މިފަދަގޮތަކަށް ހިތްހަމަނުޖެހުން ފާޅުކޮށްފައިވާއިރު ނޭޓޯގެ ސެކެޓްރީ ޖެނެރަލް ޖެންސް ސްޓެލްޓެންބާގް ވަނީ މިދިޔަ ހުކުރުދުވަހު އެކަން އެގޮތަށް ހިނގާފައިވުމުން އެކަމަށް މައާފަށް އެދިވަޑައިގެން ބަޔާނެއް އާންމުކޮށްފައެވެ.

ޖެންސް ސްޓެލްޓެންބާގް ގެ ބަޔާނުގައި ވިދާޅުވެފައިވަނީ އެ ހާދިސާއަކީ މީހަކު ފަރުދީގޮތުން ކޮށްފައިވާ ކަމެއް ކަމަށާއި ، އެއީ ނޭޓޯގެ ވިސްނުމާއި ފިކުރު ނޫންކަމަށް ވިދާޅުވެފައެވެ. އަދި އެ ހާދިސާ މިހާރު ތަހުގީގު ކުރަމުންދާކަމަށާއި އެކަމަށް ޒިންމާވާ ފަރާތް މިހާރު ފަރިތަކުރުންތަކުން އެކަހެރިކޮށްފައިވާކަމަށެވެ.

ނަމަވެސް ރައީސް އުރުދުޣާން ވަނީ ނޭޓޯއިން މައާފަށް އެދުމުން އެކަން ބަލައިނުގަންނާނެ ކަމަށް ވިދާޅުވެފައެވެ. އަދި މި ދަރަޖައަށް އިހުތިރާމްކުޑަކޮށް އަމަލުކުރުމުން އެހާ ފަސޭހައިން މައާފު ނުކުރެވޭނެ ކަމަށް ވިދާޅުވެ އުރުދުޣާން ވަނީ ނޭޓޯއަށް ރައްދު ދެއްވާފައެވެ.

މި މައްސަލަ މިގޮތަށް ފެންމަތިވެފައިވަނީ ތުރުކީއިން އެސް-400 މަރުކާގެ ވައިގެ ދިފާއީ ނިޒާމެއް ރަޝިޔާއިން ގަތުމަށް ނިންމުމާ ގުޅިގެން އެމެރިކާ ހިމެނޭގޮތަށް ނޭޓޯގެ ބައެއް ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ. ތުރުކީ އަކީ ނޭޓޯގެ މެމްބަރު ގައުމެކެވެ. އަދި ތުރުކީ އަކީ މުސްލިމް މެޖޯރިޓީ އޮންނަ ހަމައެކަނި ނޭޓޯގެ މެމްބަރު ގައުމުވެސްމެއެވެ.