Last Updated: April 20, 14:49
Saturday, April 20, 2024
ދުނިޔެ

ހަރީރީ ފްރާންސްގެ ރައީސްއާ ބައްދަލުކޮށްފި

މި މަހު 4 ވަނަ ދުވަހު ސައުދީގައި ހުންނަވައިގެން މަޤާމުން އިސްތިއުފާދެއްވި ލުބުނާނުގެ ބޮޑުވަޒީރު ސާދް އަލް ހަރީރީ ފްރާންސްގެ ރައީސް އެމަނުއެލް މޭކަން އާ ބައްދަލު ކުރައްވައިފިއެވެ.

ހަރީރީ ފްރާންސަށް ވަޑައިގެންެނެވީ އަނބިކަނބަލުންނާއެކު ޕްރައިވެޓް ޖެޓެއްގައި މިއަދުގެ ވަގުތެއްގައެވެ.

ބައެއް މީޑިޔާތަކުން ރިޕޯޓްކޮށްފައިވާގޮތުން ރައީސް އެމަނުއެލް މެކްރޮންއާ ބައްދަލުކުރެއްވުމަށް ފަހު ލުބުނާނަށް ވަޑައިގަތުމުގެ ކުރިން އަރަބި ބައެއް ގައުމުތަކަށް ހަރީރީ ޒިޔާރަތް ކުރައްވާނެއެވެ.

ހަރީރީ ފްރާންސަށް ވަޑައިގެންފައިމިވަނީ މިދިޔަ ބުދަ ދުވަހު ފްރާންސުގެ ރައީސް ސައުދީ އަރަބިއާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންއާ ފޯނުން ވާހަކަ ދައްކަވައި، ހަރީރީ އާއި އޭނާގެ އާއިލާ ފްރާންސަށް ވަޑައިގަތުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވަނިކޮށެވެ.

ހަރީރީ މިހާރު ފްރާންސަށް ވަޑައިގެންފައިވާއިރު ސައުދީގައި ހަރީރީ ބަންދުކޮށްފައި ކަަމަށް ލުބުނާނުގެ ރައީސް އާއި އެހެން ބައެއް ސިޔާސީ ފަރާތްތަކުން ކުރިން ތުހުމަތު ކޮށްފައިވައިވެއެވެ.

މި މަހު 4 ވަނަ ދުވަހު ކުއްލިގޮތަކަށް ހަރީރީ މަގާމުން އިސްތިއުފާ ދެއްވީ ރަސްމީ ދަތުރުފުޅެއްގައި ސައުދީއަށް ވަޑައިގެންނެވުމަށްފަހު ސައުދީގައި ހުންނަވައިގެންނެވެ. ހަރީރީގެ އިސްތިއުފާއާ ގުޅިގެން ލުބުނާނުގައިވަނީ ސިޔާސީ ނުތަނަވަސްކަމެއް އުފެދިފައެވެ. އަދި ލުބްނާނުގެ ރައީސް މައިކަލް އައުން ވަނީ ހަރީރީ ލުބްނާނަށް އެނބުރި ވަޑައިނުގަންނަވަނީސް އިސްތިއުފާއާ މެދު ގޮތެއް ނުނިންމަވާނެ ކަމަށް ވިދާޅުވެފައެވެ.