Last Updated: June 16, 19:23
Tuesday, June 16, 2026
ޚަބަރު

"ބަޖެޓްގައި ނެތް ރަށްތަކުގައި ވެސް އެއާޕޯޓް އަޅާނެ"

ފޮޓޯ-މިހާރު

އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިނުވާ ރަށްތަކުގައިވެސް އެއާޕޯޓު އެޅުމުގެ މަސައްކަތް ކުރާނެ ކަމަށް ފިނެންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ހޯރަފުށި ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވެފައިވަނީ ބަޖެޓުގައި ހިމަނާފައިނުވާ ބައެއް ރަށްތަކުގެ އެއާޕޯޓު އެޅުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

އަންނަ އަހަރުގެ ބަޖެޓުގައި އެއާޕޯޓު އެޅުމަށް ކަނޑައަޅާފައިވަނީ ހދ. ކުޅުދުއްފުށި، ފ. ނިލަންދޫ، ށ. ފުނަދޫގެ އިތުރުން ގ.ދ މާވަރުލުގައެވެ.

މުހައްމަދު އިސްމާއިލް ވަނީ ހއ. ހޯރަފުށީގައި އެއާޕޯޓެއް އަޅާނެ ކަމަށް ރައީސް ޔާމީން ރައްޔިތުން ކައިރީ ވައުދުވެފައިވާތީ އެ މަޝްރޫއު ބަޖެޓުގައި ހިމަނާފައިނުވާތީ ސުވާލު އުފައްދާފައެވެ.

މިނިސްޓަރު ވިދާޅުވެފައިވަނީ މިވަގުތު ސަރުކާރުން އެންމެ އިސްކަމެއް ދީގެން އެޅުމަށް ނިންމާފައިވަނީ ބެޖެޓުގައި ހިމަނާފައިވާ ހަތަރު ރަށުގައި ކަމަށެވެ. ނަމަވެސް އިތުރު ހަތަރު އެއާޕޯޓު އެޅުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަންނަ އަހަރަށް ފިނޭންސް މިނިސްޓްރީން ވަނީ 27.9 ބިލިއަން ރުފިޔާގެ ރެކޯޓު ބަޖެޓެއް މަޖިލީހަށް ފޮނުވާފައެވެ. ތަރައްގީގެ ގިނަ މަޝްރޫއުތައް އަންނަ އަހަރު ނިންމޭނެ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.