ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓްރީން ހުށައަޅާފައިވަނީ ވަގު ބަޖެޓެއް ކަމަށާއި ބަޖެޓަށް ވޯޓު ނުދޭނެ ކަމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވެފައިވަނީ ބަޖެޓަށް ވޯޓު ނުދެއްވާ މެމްބަރުންގެ ދާއިރާތަކަށް ތަރައްގީގެ ޕްރޮޖެކްޓުތައް ނުހިނގާނެ ކަމަށް ފިނޭންސް މިނިސްޓަރު މުނައްވަރު ވިދާޅުވުމާއި ގުޅިގެންނެވެ.
ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ގާނޫނު އަސާސީގައި މެމްބަރުންނަށް ސަރުކާރުން މަޖިލީހަށް ހުށައަޅާ ކޮންމެ އެއްޗަކަށް ވޯޓު ދިނުމަށް ނާންގާ ކަމަށާއި ރައްޔިތުން މެމްބަރުން އިންތިޚާބުކުރީ ދާއިރާތައް ތަމްސީލު ކުރެއްވުމަށާއި މުޅި ގައުމުގެ ހުރިހާ ރައްޔިތުންގެ ލާބައާއި މަންފާއަށް ކަމަށެވެ.
ބަޖެޓަށް ވޯޓު ނުދެއްވާ މެމްބަރުންގެ ދާއިރާތަކަށް ތަރައްގީގެ ޕްރޮޖެކްޓުތައް ނުހިނގާނެ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވުމުން ގިނަ ބަޔެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.