Last Updated: June 28, 23:21
Sunday, June 28, 2026
ޚަބަރު

17 އަހަރަށް ފަހު މިސް ވޯލްޑް ތާޖު އިންޑިއާ އަށް

މިސް ވޯލްޑް 2017 ލިބިފައި ވަނީ އިންޑިއާގެ މަނޫޝީ ޗިލާރް އަށެވެ.

17 އަހަރަށްފަހު އިންޑިއާ އަށް މިސް ވޯލްޑްގެ ތާޖު ލިބިފައި ވަނީ އިއްޔެ ޗައިނާގައި ބޭއްވި މިސް ވޯލްޑްގެ ގްރޭންޑް ފިނާލޭގެ ޝަރަފްވެރި ހަފްލާގަ އެވެ.

އުމުރުން 20 އަހަރުގެ މަނޫޝީ އަކީ ޑޮކްޓަރުކަން ކިޔަވަމުން އަންނަ ދަރިވަރެކެވެ. އޭނާ މިސް ވޯލްޑްގެ ތާޖު ކާމިޔާބުކޮށްފައި ވަނީ ޓޮޕް 5 ގައި ހިމެނުނު އެހެނިހެން ޤައުމްތައް ކަމަށްވާ އިންގްލޭންޑް އާއި ފްރާންސް އަދި ކެންޔާގެ އިތުރުން މެކްސިކޯ އާއި ވާދަކުރުމަށްފަހު އެވެ.

މަނޫޝީ އާއި ތާޖު ހަވާލުކޮށްދިނީ މިދިޔަ އަހަރުގެ މިސް ވޯލްޑް ކަމުގައިވާ ޕޯޓޯ ރިކޯގެ ސްޓެފަނީ ދެލް ވާއްލޭ އެވެ.

މި އަހަރުގެ މިސް ވޯލްޑް މުބާރާތުގެ ގްރޭންޑް ފިނާލޭ ބޭއްވީ ޗައިނާގެ ސަންޔާ ޗިޓީ އެރީނާގަ އެވެ. އަދި އެ ހަފްލާ ލައިވްކޮށް އެކިއެކި ޓީވީ ޗެނަލްތަކުން ވަނީ ދައްކާފައެވެ.

މިސް ވޯލްޑް 2017 އަކީ މަނޫޝީކަން މިސް ވޯލްޑްގެ ރަސްމީ ޓްވިޓާ އަދި ފޭސްބުކް ޕޭޖްގައި ވެސް ވަނީ އިއުލާންކޮށްފަ އެވެ.

މުބާރާތުގެ ފުރަތަމަ ރަނާ-އަޕް އަކީ މިސް އިންގްލޭންޑް ސްޓެފަނީ ހިލް އެވެ. އަދި ދެވަނަ ރަނާ-އަޕް އަކީ އެންޑްރިއާ މީޒާ އެވެ.

ޓޮޕް 5 ރައުންޑްގައި މަނޫޝީ އާއި ކުރެވުނު ސުވާލަކީ އެންމެ ބޮޑު މުސާރައެއް ލިބެންޖެހޭ ވަޒީފާއަކީ ކޮބައިކަމާމެދު އެވެ.

އެ ސުވާލަށް ޖަވާބު ދެމުން މަނޫޝީ ބުނީ މުސާރަ އަކީ ހަމައެކަނި ފައިސާއިން މިނާލެވޭ އެއްޗެއް ނޫން ކަމަށާއި، އެއީ ލޯތްބާއި އިޙްތިރާމް ވެސް ހިމެނޭ އެއްޗެއް ކަމަށެވެ. އެހެންކަމުން އޭނާ ބުނީ އެންމެ މަތީ މުސާރައެއް ލިބެން ޖެހެނީ މަންމަމެންނަށް ކަމަށާއި، އެއީ މަންމައަކީ ދަރިންނަށްޓަކައި އެތައް ޤުރުބާނީތަކެއް ވާ މީހަކަށް ވާތީ ކަމަށެވެ.

މަނޫޝީ އަކީ މިސް ވޯލްޑްގެ ތާޖު ހާސިލްކުރި އިންޑިއާގެ ހަވަނަ ރީތީގެ ރާނީ އެވެ.

މީގެ ކުރިން އިންޑިއާ އަށް މިސް ވޯލްޑްގެ ތާޖު ހޯދާދީފައި ވަނީ 1966 ވަނަ އަހަރު ރީޓާ ފާރިއާ އާއި 1994 ވަނަ އަހަރު އައިޝްވާރްޔާ ރާއި އާއި 1997 ވަނަ އަހަރު ޑަޔާނާ ހޭޑަން އާއި 1999 ވަނަ އަހަރު ޔުކްތާ މޫކޭ އާއި 2000 ވަނަ އަހަރު ޕްރިޔަންކާ ޗޯޕްރާ އެވެ.